English Edition
Dhivehi Edition
ސީޕީ ހަމީދު، ފޮޓޯ: ރާއްޖެއެމްވީ

އިސްލާމް ދީނަށް ފުރައްސާރަކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާހެން، މީހުންނަށް އިންޒާރުދޭ ފަރާތްތަކާމެދު ވެސް ފިޔަވަޅު އަޅާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް، މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ސީޕީ ހަމީދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ހަމީދު ވިދާޅުވެފައި ވަނީ ދީނާއި ދެކޮޅަށް ވާހަކަދައްކައި ޢަމަލުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުންދާއިރު، މީހުންނަށް އަނިޔާވެރި އިންޒާރުތައް ދޭ ފަރާތްތަކާމެދު ވެސް ޤާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އަދި މިފަދަ މައްސަލަތައް ފުލުހުން ބަލަމުން އަންނައިރު، އެފަދަ މައްސަލަތައް ފުލުހުންނަށް ރިޕޯޓު ކުރުމަށްވެސް ހަމީދު ވަނީ ހިއްވަރުދެއްވައި، އާންމުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

ހަމީދު ވަނީ މީގެ ކުރިންވެސް މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން)ގެ ރިޕޯޓުގެ މައްސަލައަށް އިސްކަންދީގެން، ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙުޤީޤުކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ. އަދި އެއްވެސް ބިރެއްނެތި، ވަކި ފަރާތަކަށް ނުޖެހި ޤާނޫނީ ވާޖިބުތައް ފުލުހުންގެ މުއައްސަސާއިން އަދާކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށްވެސް ހަމީދު ވިދާޅުވި އެވެ.

މީގެ އިތުރުން، އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އެ ރިޕޯޓުގައި އިސްލާމް ދީނުގެ އަސްލުތަކާ ފުށުއަރާ އަދި އިސްލާމް ދީނަށާއި، ކީރިތި ރަސޫލާއަށް ތަވްހީނުވާފަދަ ބައެއް ވާހަކަތައް ހިމަނާފައިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެ މައްސަލަ ބަލައި، ދިވެހި މުޖުތަމަޢުގައި ޤާއިމްވެފައި މިއޮތް ހަމަޖެހުމާއި، ދީނީ އެއްބައިވަންތަކަމާއި އަމަންއަމާންކަން ދެމެހެއްޓުމަށްޓަކައި ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދަވާނެ ކަމަށެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓާއި ގުޅިގެން ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވީ މާތްވެގެންވާ އިސްލާމް ދީނަށް ފުރައްސާރަކޮށް، މަލާމަތްކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގެ ތެރެއިން ތަޙުޤީޤުކޮށް ފިޔަވަޅު އެޅޭނެ މައްސަލައެއް ކަމަށާއި، އެކަން މި ސަރުކާރުން ކުރާނެ ކަމަށެވެ.

އެ ޖަމިއްޔާގެ މައްސަލަ ހޫނުވުމާއެކު ޔޫތު މިނިސްޓްރީ އިން ވަނީ އިއްޔެ ވަގުތީ ގޮތުން އެމްޑީއެން ސަސްޕެންޑްކޮށްފަ އެވެ.