ދިވެހިރާއްޖެ އެކަތިގަނޑެއްގެ ގޮތުގައި ބޭއްވުމަށް ސަބްސިޑީ ދީގެން ނަމަވެސް އަގުހެޔޮ ރަނގަޅު ފެންވަރެއްގެ ދަތުރުފަތުރުކުރުމުގެ ނިޒާމެއް އޮންނަން ޖެހޭ ކަމަށް ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
އަސްލަމް މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުނެވެ. މިނިސްޓަރ ވިދާޅުވީ ނިމިދިޔަ އެއްވެސް ސަރުކާރަކުން ދިވެހިރާއްޖެ ތަރައްޤީ ކުރުމަށް އެއްވެސް ޕްލޭނެއް ނުގެންގުޅޭ ކަމަށެވެ. ނަމަވެސް މި ސަރުކާރުން ތަރައްގީގެ ޕްލޭނެއް ކޮށްފައިވާ ކަމަށެވެ.
ތަރައްގީގެ ޕްލޭން އެކުލަވާލުމަށް މި ސަރުކާރުން އެންމެ ބޮޑަށް ބެލީ މިއަދުގެ ހާލަތަށް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އެގޮތުން ކޮންމެ ރަށަކީވެސް ހާއްސަ ސިފަތަކެއް ލިބިފައިވާ ރަށެއް ކަމަށާއި އެއް ރަށް އަނެއް ރަށަށް ބަރޯސާ ވެފައި އޮންނަން ޖެހޭ ހާލަތުތައް މެދުވެރިވެފައިވާ ރަށްރަށް ވެސް ހުރިކަން މިނިސްޓަރ ފާހަގަ ކުރެއްވި އެވެ.
މިއަންނަ އަހަރު ޓްރާންސްޕޯޓް ސާވިސް ފޯރު ކޮށްދިނުމަށް މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.