މުޅި ދުނިޔޭގައި މިހާރު ބާރު މިނުގައި ފެތުރެމުން އަންނަ ކޮވިޑް19ގެ ސަބަބުން ރާއްޖެއަށް އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އަންނަ މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.
ހެލްތު މިނިސްޓްރީ މިވަގުތު ހިންގެވުމާއި ހަވާލުވެ ހުންނެވި ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް ސޮއިކުރައްވާ ނެރުނު ގަރާރުގައި ވާގޮތުން ސިއްހީ ނުރައްކަލުގެ މުއްދަތު އިތުރު ކުރަން ނިންމީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ކޮވިޑް 19 ފެތުރުމުގެ ބިރު އޮތް ކަމަށާއި، އެ ނުރައްކާ ކުޑަކޮށް ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަމަށް އިތުރަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ލަފާ ދެއްވާފައިވާތީއެވެ.
ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުން ލިބިދޭ ބާރުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވަނީ މިދިޔަ މާޗު މަހުގެ 12 ވަނަ ދުވަހެވެ. އޭގެ ފަހުން 7 ފަހަރެއްގެ މަތިން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވާއިރު އެންމެ ފަހުން އިއުލާނު ކުރެވުނު މުއްދަތު މިރޭ 00:00 އަށް ހަމަވާނެއެވެ.
މިހާތަނަށް ރާއްޖެއިން އެންމެ ގިނަ މީހުން އެއް މަހެއްގެ ތެރޭގައި ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވަނީ މިދިޔަ އޮގަސްޓް މަހުއެވެ. އެގޮތުން އެ މަހު 3،815 މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު ރާއްޖޭގައި މިހާރު ޖުމުލަ 8،584 މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. މިބަލީގައި މިހާތަނަށް ރާއްޖެއިން ނިޔާވެފައިވަނީ 29 މީހުންނެވެ.