މިއަދަކީ އައްޑޫސިޓީގައި މެންޓަލް ހެލްތް ކޭމްޕެއް ބޭއްވުމުގެ އަޑު ގަދަވެފައިވާ ދުވަހެކެވެ. ގަމުގެ އީކުއޭޓަރ ވިލެޖްގައި މިރޭ އޮތް މިކޭމްޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވި އަންހެނުންގެ އަދަދު ގިނައޭ ދެންނެވި ދާނެއެވެ.ސަބަބެއް އޭގައި އެބައޮތެވެ.އެތައް ދުވަހަކަށް އެކަނބަލަކަށްޓަކައި އައްޑޫގެ ރައްޔިތުން އިންތިޒާރު ކުރަމުން އައި ޑޮކްޓަރ ނާޒް މިއަދު އެރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވާތީއެވެ. ތެދެކެވެ. ކެތްމަދުވެފައިތިބި އެތައް ބަޔަކަށް ޑޮކްޓަރުގެ އަޑު އިވުނީ ރަސްމިއްޔާތުގެ އެންމެ ފަހު އައިޓަމެއްގެ ގޮތުންނެވެ.
ވާހަކަ ދެއްކެވުމުގައި ކުޅަދާނަ ދޫފަސޭހަ ކަމެއް ލިބިވަޑައިގެން ހުންނެވި ނާޒްގެ ވާހަކަ ބިނާ ކުރެއްވީ ދިވެހިންގެ މުޖުތަމަޢުގައި ހުރި ނަފްސާނީ މައްސަލަ ތަކުގެ ތަފްސީލު ތަކަށެވެ. އެކަމަނާ ސިފަ ކުރައްވާ ގޮތުގައި މެންޓަލް ހެލްތް އެވެއާނެސް އަކީ އަމިއްލަ ނަފްސަށް އަމިއްލަ އަށް ގެއްލުން ދިނުން ހުއްޓުވުމާމެދު ހޭލުންތެރި ކުރުވުމެވެ. އެކަން އަށަގެންނެވުމަށް އެކަމަނާ އިސްވެ ރާއްޖޭގައި ފެއްޓެވި މަސައްކަތުގެ ނަތީޖާ،ޤަބޫލު ކުރެއްވޭ ކުރި އެރުންތަކަކާއެކު ގެނެވިއްޖެ ކަމަށް ވިދާޅުވިއެވެ. ނަފްސާނީ ބަލީގެ އެކި ވައްތަރު ތަކަށް އަލި އަޅުއްވާ ވާހަކަ ދައްކަވަމުން ޑިޕްރެޝަން އަށް އެކަމަނާއަށް އެންމެ އެކަށޭނަ ދިވެހި ބަހަކީ “ހިތާމަ ކުރުމުގެ ބަލި” ކަމުގައި ވިދާޅުވިއެވެ. މި ބަލީގައި ހިތާމައާއި މޮޅިވެރިކަމާއި މާޔޫސް އެކުވެ މީހާ ވަށާލާފައިވާވުން ސިފަކުރައްވައި މިބަލީގައި ރާއްޖޭގެ އާބާދީގެ 30 އިން ސައްތަ އުޅޭކަން ޑޮކްޓަރ ނާޒް ފާހަގަ ކުރެއްވިއެވެ.ދިވެހިންގެ ދިރި އުޅުމާއި އެމީހުންނަށް ލިބޭ އަނިޔާތަކާއި ގޯނާ ތަކުގެ އަޑު އެހުމުގައި 1990 ވަނަ އަހަރުން ފެށިގެން އެކަމަނާ ހޭދަ ކުރެއްވި އިރު ވަނީ ނަފްސާނީ ބަލީ ގައި ދިވެހީން ތަޙައްމަލު ކުރާ ވޭނީ އިޙްސާސްތައް ގާތުން އަޑު އައްސަވާ ފައި ކަމަށް ވިދާޅުވިއެވެ.
އެގޮތުން ދިވެހީންގެ ތެރޭގައި އެންޒައިޓީ ޑިސްއޯޑަރ ހުންނަ އިން ސައްތަ އަކީ 25 ކަމަށާއި ޢުމުރުގެ ކޮންމެވެސް ހިސާބަކުން އަނިޔާ ލިބިފައިވާ މީހުންގެ އިން ސައްތަ 30 އަށް އަރާ ކަމަށް ވިދާޅުވިއެވެ.
މިއާއެކު ކުޑަކުދީންނަށް ކުރެވޭ ޖިންސީ ގޯނާ ތަކާއި އަމިއްލައަށް މަރުވުމާއި އެފަދަ ވިސްނުން ހުންނަ ކުދީންގެ އިން ސައްތަ ނިސްބަތުން މަތިކަމަށާއި ޢުމުރުން 14 އަހަރު ނުވަނީސް ޑްރަގް ބޭނުން ކުރާ ނިސްބަތް އަދި ވަނީ ނުރައްކާ ދަރަޖައަކަށް މަތީގައި ކަމަށް އެކަމަނާ ވަނީ ފާހަގަ ކުރައްވާފައެވެ.
250 އަށް ވުރެ ގިނަ ބައިވެރިންނާއެކު ގަމުގެ އީކުއޭޓަރ ވިލެޖްގައި ބޭއްވި މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަފްސާނީ ބަލީގެ އިތުރު ވައްތަރެއް ކަމަށްވާ ޑެލޫޝަންސް ޖެހިފައިވާ މީހަކު ނަމަ ،ނެތް އަޑުތައް އިވުމާއި އެއަޑުތަކުން އުނދަގޫ ކުރާހެން ހީވުމާއި ކަންކަން ބުނެދޭހެން ހީވުމުގެ އިތުރަށް ޙަގީގަތެއް ނެތް އެތައް ކަންތައް ތަކެއް ބަލި މީހާއަށް ކުރިމަތިވުން އެއީ އިންސާނާގެ ޙިއްސު ތަކަށް އަންނަ ބަދަލެއްގެ ސަބަބުން ވާގޮތެއް ކަމަށް ނާޒް ވިދާޅުވިއެވެ. މިދެންނެވި ފަދަ ބަލި އެއީ ދިވެހީން ވަރަށް ގިނައިން ޖިންނީގެ އުނދަގުލެކޭ ބުނާ ބައްޔެއް ކަމަށާއި އެހެންނަމަވެސް އެއީ ފަރުވާއިން ފަސޭހަވާން އޮތް ނަފްސާނީ ބައްޔެއް ކަމަށް ޑޮކްޓަރ ނާޒު ވިދާޅުވިއެވެ.
އުފެދުމުގައިވެސް ކުދިންގެ ކިބައިގައި ހުންނަ ވަރަށް ޢާއްމު ބައްޔެއް ކަމަށްވާ އޯޓިޒަމް އާއިމެދުވެސް ޑޮކްޓަރ ނާޒް ވަނީ އަލިއަޅުއްވާ ލައްވާ ވާހަކަ ދައްކަވާފައެވެ.އެގޮތުން މިއިން ކޮންމެ ބައްޔަކީ ފަރުވާ އާއި ތެރަޕީ ދީގެން ރަނގަޅު ކުރެވިދާނެ ބައްޔެއް ކަމަށާއި އިހްމާލުވެފައިވާ މިފަދަ އެކި އެކި ޙާދިސަ ތަކުން މިސާލު ޖައްސަވަމުން މިމައުޟޫއާއި ގެން ކުރިއަށް ވަޑައިގަންނަވަމުން ނަފްސާނީ ބަލިޖެހިފައިވާ މީހުންގެ ނިސްބަތަށް ބަލާއިރު މިކަމަށް ބޭނުންވާ އެހީއާއި ފަރުވާ ހޯދޭނެ ވަސީލަތް ރާއްޖޭގައި މަދުކަން ފާހަގަ ކުރެއްވިއެވެ.
ސަންރައިޒް ކޮރޯނާ އިންޓަނޭޝަނަލް އާއި މިޕްސްޓަރ އިން އައްޑޫގައި 5 ދުވަހަށް ހިންގާ މެންޓަލް ހެލްތް ކޭމްޕްގައި އައްޑޫގެ ސްކޫލްތަކުގެ ދަރިވަރުންނާއި ބެލެނިވެރިން އަދި ޓީޗަރުންނަށް އަމާޒު ކޮށްގެން ނަފްސާނީ ދުޅަހެޔޮ ކަމާގުޅޭ މަޢުލޫމާތު ފޯރު ކޮށްދިނުމުގެ ގިނަ ބައްދަލު ވުންތަކެއް ބޭއްވުމަށް ވަނީ ރާވާފައެވެ. މިއާއެކު މެންޓަލް ހެލްތް ކްލިނިކެއް ކޮންމެ ދުވަހަކުވެސް ހެނދުނު 9 އިން ފެށިގެން ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މެންޓަލް ހެލްތް ޑޭ ފާހަގަ ކުރުމުގެ ގޮތުން އޮކްޓޯބަރ 10 ވާ ބުރާސްފަތި ދުވަހު ހަވީރު އައްޑޫސިޓީގެ ގިނަ ބަޔަކު ބައިވެރިވާ ވެހިކަލް ބުރެއްވެސް ހިތަދޫގައި އޮންނާނެއެވެ.މި ވެހިކަލް ބުރުގައި ކޮންމެ ބަޔަކަށްވެސް ބައިވެރި ވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.