English Edition
Dhivehi Edition

އައްޑޫސިޓީގެ ހުރިހާ އަވަށްތަކަށް އަމާޒު ކޮށްގެން މިޕްސްޓަރ އަދި ސަންރައިޒް ކޮރޯނާ އިންޓަނޭޝަނަލް އިން ބާއްވާ މެންޓަލް ހެލްތް ކޭމްޕް 5 ދުވަހަށް ދިގުދެމިގެންދާނެ ކަމަށް ކޮރޯނާ އިންޓަނޭޝަނަލް އިން ބުނެފިއެވެ.

މިމަހުގެ 10 އިން 14 އަށް ކުރިއަށް ގެންދާ މިކޭމްޕްގައި މައިގަނޑު 2 ކަމެއް ހިމެނިފައި ވެއެވެ. އެއީ އައްޑޫ ސިޓީގެ ހުރިހާ ސްކޫލް ތަކުގެ ދަރިވަރުންނާއި މުދައްރިސުންނާއި ބެލެނިވެރީންނަށް އަމާޒު ކޮށްގެން ނަފްސާނީ ދުޅަހެޔޮ ކަމާ ގުޅޭ އެކި މައުޟޫއުތަކަށް ބޭއްވޭ މަސައްކަތު ބައްދަލުވުންތަކާއި ސެޝަންތަކުގެ އިތުރުން، ނަފްސާނީ ބަލީގެ ޚާއްސަ ޑޮކްޓަރުންގެ ކޮންސަލްޓޭޝަންއާއި އެކި އެކި ތަޙްލީލު ތަކާއި ތެރަޕީ ފަދަ ތަފާތު ޚިދުމަތްތައް ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުމެވެ.

ކޭމްޕްގެ ސެޝަންތައް ހަމަޖެހިފައިވާ ގޮތުން އޮކްޓޯބަރ 10 ވާ ބުރާސްފަތި ދުވަހު ހެނދުނު 8.30 އިން 10.30 އަށް އޮންނާނީ ޝަރަފުއްދީން ސްކޫލާއި ހިރާ ސްކޫލްގެ ދަރިވަރުންނަށް އަމާޒު ކޮށްގެން ޝަރަފުއްދީން ގައި ބާއްވާ ސެޝަނެކެވެ. އެ ދުވަހު 11.00 އިން 13.00 އަށް އޮންނާނީ ހިތަދޫ ސްކޫލާއި ބިލަބޮން ހައި ސްކޫލާއި ނޫރާނީ ސްކޫލްގެ ދަރިވަރުންނަށް ހިތަދޫ ސްކޫލްގައި ބާއްވާ ސެޝަނެކެވެ. ފޭދޫގައި ވެސް ފޭދޫ ، މަރަދޫ އަދި މަރަދޫފޭދޫ ގެ ސްކޫލްތަކުގެ ދަރިވަރުންނަށް ޚާއްސަ ކޮށްގެން އެދުވަހު ސެޝަނެއް އޮންނާނެއެވެ. އެސެޝަން އޮންނާނީ މެންދުރު ފަހު 2.30 އިން ހަވީރު 4.30 އަށެވެ. 10 ވަނަ ދުވަހުގެ ރޭ އޮންނާނީ ހިތަދޫގެ ބައެއް ސްކޫލްތަކުގެ މުދައްރިސުންނަށް އަމާޒުކޮށްގެން ބާއްވާ ސެޝަނެކެވެ.

އޮކްޓޯބަރ 11 ވަނަ ދުވަހު އޮތީ ހިތަދޫގެ ހުރިހާ ސްކޫލްތަކުގެ ބެލެނިވެރިންނަށް އަމާޒުކޮށްގެން ހިތަދޫ ސްކޫލާއި ޝަރަފުއްދީން ސްކޫލްގައި ބާއްވާ ދެ ސެޝަންގެ އިތުރަށް ޓީޗަރުންނަށް އަމާޒުކޮށްގެން ޝަރަފުއްދީން ސްކޫލްގައި އޮންނަ ސެޝަނެކެވެ.

އޮކްޓޯބަރ 12 ވަނަ ދުވަހުވެސް މެންޓަލް ހެލްތާއި ގުޅޭ ސެޝަން ތަކެއް ކުރިއަށް ދާނެއެވެ. އެދުވަހުގެ ހެނދުނު 9 އަކުން ފެށިގެން އިރުޝާދިއްޔާ ސްކޫލް ގައި ކުރިއަށްދާ ސެޝަން ތަކުގައި މަރަދޫ،މަރަދޫފޭދޫ އަދި ފޭދޫ ގެ ސްކޫލްތަކުގެ ދަރިވަރުންނާއި ބެލެނިވެރީންނަށް މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ.

މެންޓަލް ހެލްތް ކޭމްޕްގައި އޮކްޓޯބަރ 13 ވާ އާދީއްތަ ދުވަހު އޮންނާނީ ޝަންގްރިއްލާ ރިސޯޓްގެ ސްޓާފުންނަށް އޮންނަ ސެޝަނެއްގެ އިތުރުން ހުޅުމީދޫގެ ބެލެނިވެރިންނަށް ބާއްވާ ޚާއްސަ ސެޝަނެކެވެ. މެންޓަލް ހެލްތް ކޭމްޕް ކުރިއަށް ދާ ދުވަސް ތަކުގެ ތެރެއިން އޮކްޓޯބަރ 10،11،12 މި ތިން ދުވަހު ނޫރާނީ ސްކޫލްގައި ކޮންސަލްޓޭޝަންގެ ޚިދުމަތްދިނުމަށްޓަކައި މެންޓަލް ހެލްތް ކްލިނިކެއް، ހެނދުނު 9 އިން ރޭގަނޑު 10 ޖަހަންދެން ހުޅުވިފައި ހުންނާނެއެވެ. މި ކްލިނިކްގައި ކޮންސަލްޓޭޝަން ގެ އިތުރުން އެކި އެކި ލެބޯޓްރީ ތަހުލީލުތައް ކުރުމާއި ބޭނުންވާ ތެރަޕީތައް ދެވޭނެއެވެ. މިކްލިނިކުން ފަރުވާ ހޯދާ ބަލިމީހުންގެ ރިވިއު އޮންނާނީ އޮކްޓޯބަރ 14 ވާ ހޯމަ ދުވަހުއެވެ. 300 ރުފިޔާގެ ފީއަކާއެކު ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތް ފަހިވެފައިވާ މިކޭމްޕުން ދެވޭ އިތުރު ޚިދުމަތްތައް ފޯރުކޮށްދެވޭނީ މާލޭގައި މިޕްސްޓަރ އިން ފޯރުކޮށްދޭ ޚިދުމަތުގެ އަގަށްވުރެ 50 އިން ސައްތަ ހެޔޮ އަގެއްގައެވެ. މިކޭމްޕްގައި ބައިވެރި ވުމަށާއި ޑޮކްޓަރަށް ދެއްކުމަށް ނަންނޯޓު ކުރުމުގެ އިންތިޒާމް 9150529 މި ނަމްބަރަށް ގުޅުއްވުމުން ހަމަޖެހިގެންދާނެއެވެ