English Edition
Dhivehi Edition

މިއީ ކެނެޑާގެ ޓްރޮންޓޯގައި ހިނގިކަމެވެ. ފުލުހަކު ޑިޔުޓީގައި އުޅެނިކޮށް އޭނާއަށް ފެނުނީ ފިހާރައަކުން ވައްކަން ކުރަން އުޅުނު ޒުވާނެކެވެ.

އުމުރުން 18 އަހަރުގެ އެޒުވާނާ ވަގަށް ނަގަންއުޅުނީ ގަމީހަކާއި ޓައްޔަކާއި، އިސްޓާކީނެކެވެ. މިމަހުގެ 7 ވަނަދުވަހު ހިނގި މިހާދިސާގައި، ޕޮލިސް އޮފިސަރު ނިރަން ޖެސަޔަން ބުނެފައިވަނީ ވައްކަންކުރަން އުޅުނު ޒުވާނާ ހިފަހައްޓައި ވައްކަންކުރަން އުޅުނީ ކީއްވެތޯ ސުވާލު ކުރިކަމަށެވެ.

އޭނާގެ ޖަވާބު ވަރަށްސީދަލެވެ. ވައްކަންކުރަން އުޅުނީ ވަޒީފާއެއް ހޯދަން އިންޓަވިއުއަކަށް ދާންވެގެން ލާނެއެއްޗެއް ހޯދަން ކަމަށް ބުންޏެވެ. އޭނާގެ ޖަވާބު އައްޑުއަހައިފައި ޕޮލިސް މީހާ ވައްކާންކުރަން އުޅުނު މީހާއަށް ގަމީހާއި، ޓައްޔަކާއި، އިސްޓާކީން ގަނެދިނުމަށްފަހު ދޫކޮށްލިއެވެ.

ނިރަންގެ މިއަމަލަށް ޕޮލިސް ސްޓާފް ސާޖެންޓް ޕޮލް ބޮއިސްވަނީ ތައުރީފު ކުރައްވައިފިއެވެ. އޭނާ ބުނެފައިވަނީ އެފަދަ ހާލަތުގައި ވަގުކަލޭގެ ހައްޔަރު ކޮށްގެން އެއްވެސް މީހަކަށް ފައިދާއެއް ނުކުރާނެ ކަމަށެވެ. އޭނާކުރީ ކުށެއް ކަމުގައި ވިޔަސް ނިރަން އަމަލުކުރި ގޮތުން މުޅި މައްސަލަ ވަރަށް އޮމާންކޮށް ނިމިގެން ދިޔައީ ކަމަށް އޭނާ ބުނެފައިވެއެވެ. ހަގީގަތުގައި ނިރަން އެދެއްކީ އެންމެންވެސް ބަލައިގަންނަންޖެހޭވަރުގެ މީސާލެއް ކަމަށްވެސް އޭނާ ބުންޏެވެ.