ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 3.4 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 30 އަހަރުގެ ޔޫކޭ ފިރިހެނަކާއި، 43 އަހަރުގެ ތައިލެންޑްގެ މީހަކު ކަމަށާއި، އެ ދެ މީހުން ހައްޔަރު ކޮށްފައިވަނީ ހުސްވި އެޕްރީލް މަހުގެ 25 ވަނަ ދުވަހުން ފެށިގެން އަށް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކަމަށެވެ.
މީގެ އިތުރުން އެ މައްސަލައިގައި ހައްޔަރުކުރި ދެމީހުންގެ ތެރެއިން 30 އަހަރުގެ މީހާގެ ފޮށިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބޮޑު ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ހާމަކުރާ ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް މުއްދަތު ދީފައިވެއެވެ. އެގޮތުން 43 އަހަރުގެ މީހާއަށް 15 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ. އަދި 30 އަހަރުގެ މީހާއަށް ދެ މަސްދުވަހުގެ މުއްދަތު ދީފައިވެއެވެ. އެ މީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި އަމިއްލައަށް މަރުވެފައި ކަމަށާއި، ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި އެމީހާ އަމިއްލައަށް މަރުވި މައްސަލަ ފުލުހުންނާއި ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން ދަނީ ތަހުގީގު ކުރަމުން ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.
މަސްތުވާތަކެތީގެ މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.