English Edition
Dhivehi Edition

ބައިނަލްއަޤްވާމީ ޢުމުރުން ދުވަސްވީ މީހުންގެ ދުވަސް ކުލަގަދަކޮށް އައްޑޫ ސިޓީގައި ފާހަގަކޮށްފިއެވެ. އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން އައްޑޫގެ ޖަމްމިއްޔާ ޖަމާއަތްތަކާއި ގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތް ބާއްވާފައިވަނީ އައްޑޫގެ ތިން ސަރަހައްދެއްގައެވެ.

އިއްޔެ ހަވީރު ފޭދޫގައި ބޭއްވި މި ހަރަކާތުގައި ފޭދޫގެ އިތުރުން މަރަދޫ، މަރަދޫފޭދޫގެ ދޮށީއުމުރުގެ މީހުންވަނީ ބައިވެރިވެފައެވެ. ފޭދޫގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ޑރ.ދޮންތުއްތުބެގެ އިތުރުން ފޭދޫގެ މަޝްހޫރު ފޫޅުމައެއްކަމުގައިވާ ޝަކީބާވަނީ ހަރަކާތުގައި ބައިވެރިވި ފަރާތްތަކަށް މައުލޫމާތު ހިއްސާކޮށްފައެވެ.

 

މީގެ އިތުރުން މީދޫގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި ބޭންކް އޮފް މޯލްޑިވްސް ހުޅުމީދޫ ބްރާންޗްއިންވަނީ ބޭންކުގެ ހިދުމަތްތަކާއި، ކާޑުގެ ހިދުމަތާއި ބެހޭ ގޮތުން މައުލޫމާތު ހިއްސާކޮށްފައެވެ. އަދި ހުޅުމީދޫ އެސްޓިއޯ ފާމަސީއިން ބޭސް ބޭނުންކުރުމުގައި އަމަލުކުރަން ޖެހޭ އެންމެ ރަގަޅު ގޮތާއި، ބޭހުގެ މުއްދަތު ހަމަވުމާއި އަދި މިހާރު ބޭނުންކުރަމުންދާ ‘ވިނަވި’ އާއި ބެހޭ ގޮތުން ވަނީ މައުލޫމާތު ދީފައެވެ. މީގެ އިތުރުން ހުޅުމީދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން ވައްކަމާއި މުޖްތަމައުގާ ހިނގާ ކުށްތައް މަދުކުރުމާއި، ދިމާވާ ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތް ވަނީ ކިޔައިދީފައެވެ. މީގެ އިތުރުން ދޮށީއުމުރުގެ މީހުން އެމީހުންގެ ދިރިއުޅުމާއި ގުޅޭ މުހިއްމު ހަނދާންތަކުގެ ވާހަކަވަނީ ހިއްސާކޮށްފައެވެ.

ހިތަދޫގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި ދުވަސް ވީ މީހުންގެ ޝުޢޫރުގެ ނަމުގައި ޚާއްސަ ބައެއް ކުރިއަށް ދިޔައިރު އެމީހުންވަނީ އޭރާއި މިހާރުގެ ތަފާތުތައް ވަރަށް ރަނގަޅަށް ކިޔާދީފައެވެ.މީގެ އިތުރުން ބައެއް އަތްތެރި މަސައްކަތާއި ރުކުގެ ފަން ބޭނުންކޮށްގެން ތަފާތު ޑިޒައިން ތަކަށް އިހު ހަދާ އުޅުނު ސުވާ،ބަތާ،ދޫނި،މުޑޭށި، މުޅޯށި ފަދަ ތަކެތި ހެދުންވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

 

މި ހަރަކާތް ކުރިއަށް ގެންދިއުމަށް ސަދަން ޓްރާންސްޕޯޓް ލިންކް އިން ބަހުގެ ދަތުރު ހިލޭ ހަމަޖައްސައިދީފައިވާއިރު މިހަރަކާތުގައި އެކިއެކި ގޮތް ގޮތުން އެހީތެރިވި ޖަމްމިއްޔާ ޖަމާއަތްތަކަށް އަދި ވަކިވަކި ފަރުދުންނަށް ޑަބްލިއު.ޑީ.ސީ އިންވަނީ ޝުކުރު އަދާކޮށްފައެވެ.

މިއީ ފަހުގެ ތާރީހެއްގައިވެސް އައްޑޫގައި ދޮށީ އުމުރުގެ މީހުންނާއި އެކު ހިންގުނު މިފަދަ ބޮޑު ފުރަތަމަ ހަރަކާތެވެ.