މަތީ ތަޢުލީމު ހާސިލްކުރަން ދޫކުރާ ސްޓޫޑެންޓު ލޯންގެ އިންޓްރެސްޓް ރޭޓު އެއް އިންސައްތައަށް ކުޑަކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރޭ އިފްތިތާހުކުރި ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމަނައިފި އެވެ.
ރައީސް އޮފީހުގެ ވެބްސައިޓްގައިވެސް ޝާއިރުކޮށްފައިވާ އެ ޕްލޭންގައި މަތީ ތަޢުލީމީ ދާއިރާގައި ބުނެފައިވާ ގޮތުން މިހާރު މަތީ ތަޢުލީމަށް ދޫކުރާ ލޯނުގެ އެޑްމިނިސްޓްރޭޓިވް ފީއަށް އަރާ އިންޓްރެސްޓް 6% އިން 1% އަށް 2021 ވަނަ އަހަރުގެ ކުރިން ކުޑަކުރާނެ ކަމަށެވެ.
ކުރިން މަތީ ތަޢުލީމަށް ދޫކުރާ ލޯނުގެ އިންޓްރެސްޓް ރޭޓަކީ 5% އެވެ. ނަމަވެސް މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ވަނީ ލޯނުގެ އިންޓްރެސްޓް ރޭޓު 3% އަށް ކުޑަކޮށް، ލޯނު އަދާކުރަން ލިބޭ މުއްދަތުވެސް 25% އިތުރުކޮށްފަ އެވެ.
އެކްޝަން ޕްލޭންގައި ބުނެފައިވާ ގޮތުން 2023ގެ ނިޔަލަށް މާލީ ތަނަވަސްކަން ނެތް ދަރިވަރުންނަށް ވަކި ޚާއްސަ ކެޓަގަރީއެއް ހިމެނޭހެން ލޯން ސްކީމް އިސްލާހުކުރެވޭނެ ކަމަށާއި، އިތުރު ޤައުމްތަކުން މަތީ ތަޢުލީމް ހާސިލްކުރެވޭނެ ގޮތަށް ލޯނު ސްކީމް ފުޅާކުރުމަށްވެސް ވަނީ ރާވާފައެވެ.
މި ސަރުކާރުގެ އެކްޝަން ޕްލޭންގައި ބުނެފައިވާ ގޮތުން 2023 ވަނަ އަހަރުގެ ނިޔަލަށް ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުސަތު މަދުވެގެން 25،000 ދަރިވަރުންނަށް ފޯރުކޮށްދެވޭއިރު، ފަސް ސަރަޙައްދެއްގައި ޖޫނިއަރ ކޮލެޖުތައްވެސް ޤާއިމްކުރެވޭނެ ކަމަށެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް މަތީ ތަޢުލީމު ހާސިލްކުރުމަށް އިތުރަށް މަގުފަހިކޮށްދޭ ޕޮލިސީތައް ޤާއިމްކޮށް، އެކުދިންނަށް އަމާޒުކޮށްގެން ކިޔެވުމަށް މާލީ އަދި އެހެނިހެން އެހީތައް ފޯރުކޮށްދިނުމަށްވެސް ސަރުކާރުގެ ޕްލޭންގައި ވަނީ ހިމަނާފައެވެ.
މީގެ އިތުރުން، ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ އަދި މެތެމެޓިކްސް (ސްޓެމް)ގެ ދާއިރާތަކުން މަތީ ތަޢުލީމް ހާސިލްކުރުމުގެ ފުރުސަތުތައް އިތުރުކުރުމަށާއި، ފުލް އަދި ޕާޝަލް ސްކޮލަރޝިޕްތަކުގެ އަދަދު އިތުރުކުރުމަށް ބޭރުގެ ޔުނިވާސިޓީތަކާއި ގުޅުން ޤާއިމްކުރުމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕްގެ ދަށުން ފުރަތަމަ ޑިގްރީއަށް ދަރިވަރަކު ބޭނުން ޤައުމެއްގައި ބޭނުން ދާއިރާއަކުން ކިޔެވޭނެގޮތަށް ސްކީމް އިސްލާހުކުރުމަށްވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ.