ދަރިވަރުންގެ ލޯނު ލިބޭ ފަރާތްތައް އަންނަ ޖުލައި މަހު އިޢުލާން ކުރާނެކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ބުނެފިއެވެ.
އެމިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ލޯނަށް އެދިފައިވާ ދަރިވަރުންގެ ތެރެއިން ލޯނު ލިބުނު ދަރިވަރުންގެ ނަންތައް ކުރިއަށް އޮތް ސަރުކާރު ބަންދުނޫން 20 ދުވަސް ތެރޭގައި އެމިނިސްޓްރީން އިއުލާން ކުރާނެކަމަށެވެ. އަދި އެގޮތަށް ނިންމާފައިވަނީ ކިޔެވުމަށް ލޯން ބޭނުންވާ ދަރިވަރުންގެ ކިޔެވުން ލަސްވިޔަ ނުދިނުމުގެ ބޭނުމުގައި ކަމަށް ވެސް އެޓްވީޓުގައި ވެއެވެ.
އަދި މިނިސްްޓްރީން އިތުރަށް ހާމަ ކޮށްފައިވާ ގޮތުގައި އަންނަ އާދިއްތަ ދުވަހުން ފެށިގެން ލޯނު ނުލިބޭ ދަރިވަރުންނަށް އެކަން އަންގަމުން ދާނެކަމަށެވެ. ލޯނާއި ގުޅިގެން ދަރިވަރުން އެއްވެސް ކަމެއް ސާފުކުރަން ބޭނުންވާނަމަ އެފުރުސަތު ފަހި ކޮށްދިނުމުގެ ގޮތުން މައުލޫމާތުގެ ސެޝަންތައް ވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
އަލަށް ކިޔަވަން ފަށާ 158 ދަރިވަރުންނާއި މިހާރު ކިޔަވަމުން ގެންދާ 84 ދަރިވަރަކަށް މިފަހަރު ލޯނު ދޫކުރާނެ ކަމަށް އެމިނިސްޓްރީން ބުނެއެވެ. ޖުމްލަ 242 ދަރިވަރަކަށް ލޯނު ދޫކުރަން އެމިނިސްޓްރީން ނިންމާފައިވާއިރު 54 މިލިއަން ރުފިޔާ އެ ލޯނުތަކަށް އަރާނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
ހަޔައެޑިއު ކޭޝަނުން ވަނީޖޫން މަހުގެ ވިހިވަނަ ދުވަހުން ފެށިގެން ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލާނެ ކަން ހާމަކޮށްފައެވެ. މިއީ މާރޗް މަހު ހުޅުވާލެވުނު ފުރުޞަތުގައި ،ލޯން ސްކީމަށް ޝަރުތު ހަމަނުވާ ފޯރމްތައް ބާޠިލުކުރުމުން ހުސްވެފައިވާ ފުރުޞަތު ތަކެއް ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.