ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އިސްކޮށް ހުންނަވައިގެން އުފައްދަވަން މަސައްކަތް ކުރައްވާ ސިޔާސީ ޕާޓީ ކަމުގައިވާ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ދީފިއެވެ.
އެގޮތުން އީސީ އިން ބުނީ އެމްއާރުއެމް އުފައްދަން ބާއްވަން ޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. ޕާޓީ އުފެއްދުމުގެ ހުއްދައާއި ހަވާލުވެ ވަޑައިގެންފައިވަނީ ރައީސް މައުމޫންގެ ދަރިކަނބަލުން އަދި މިހާރުގެ މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫންއެވެ. އަދި އެ ލިޔުން ޔުމްނާ އާއި ހަވާލުކޮށްދެއްވީ އީސީގެ ރައީސް އަހްމަދު ޝަރީފް އެވެ. މިއީ ރާއްޖޭގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އަންހެން ބޭފުޅަކަށް ދިން ފުރަތަމަ ފަހަރެވެ.
އެމްއާރުއެމް އުފައްދަން ބާއްވާ ޖަލްސާ މިއަދުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ބާއްވަން ޖެހޭނެއެވެ. އެޕާޓީގެ ތަރުޖަމާނާއި ހަވާލާދީ “ޕީއެސްއެމް ނިއުސް” އިން ރިޕޯޓްކުރާ ގޮތުގައި އެމްއާރުއެމް އުފައްދަން ބާއްވާ ޖަލްސާ އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ބާއްވާނެ ކަމަށެވެ.
އެމްއާރުއެމް އުފެއްދުމަށް އެންމެ ފުރަތަމަ ހުށަހެޅުއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން އެވެ. ނަމަވެސް ހެރިޓޭޖު މިނިސްޓަރ ޔުމްނާ ވަނީ މިދިޔަ މަހުގެ ތެރޭގައި 3313 މީހުންގެ މެމްބަރޝިޕް ފޯމާއެކު އެމްއާރުއެމް އުފެއްދުމަށް އެދި އީސީ އަށް ހުށަހަޅުއްވައިފައެވެ.
ރައީސް މައުމޫން އިސްކޮށް ހުންނަވައިގެން މީގެ ކުރިންވެސް ވަނީ ދެ ޕާޓީއެއް އުފައްދައިފަ އެވެ. އެއީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އެވެ.