އަނިޔާގެ ފަރުވާއަކަށް ވާނީ، އަނިޔާ ލިބޭ ފަރާތަކަށް އިންސާފާއި ރައްކާތެރިކަން ކަށަވަރުވުން ކަމުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ބުނެފި އެވެ.
އެމްއާރުއެމް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޖިންސީ އަނިޔާކުރުމާއި ގެވެށި އަނިޔާގެ މައްސަލަތައް ރާއްޖޭގައި އިތުރުވަމުންދާކަމީ ނުހަނު ކަންބޮޑުވެ، ހިތާމަކުރާ ކަމެއް ކަމަށެވެ. އަދި މިދިޔަ ހުކުރު ދުވަހުގެ ރޭ ހުޅުމާލެ ފަޅު ތެރޭގައި އޮތް ސަފާރީ ބޯޓެއްގައި އަންހެނަކު ރޭޕްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ކުށުގެ ވެށިން ހައްޔަރުކުރި ކަމަށް ބުނެވޭ ދެ ފިރިހެނުން ފުލުހުން ގެންދިއުމަށްފަހު ދޫކޮށްލުން އެއީ މިބާވަތުގެ ކުށުގެ އަމަލުތައް ތަކުރާރުކުރުމަށް މަގުފަހިކޮށްދޭ ކަމެއް ކަމަށް އެމްއާރުއެމް އިން ބުނެއެވެ. އަދި މި މާވަތުގެ ލާއިންސާނީ އަމަލުތަކުގެ ސަބަބުން އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އެހެން މީހުންގެ ފުރައްސާރަ އާއި ބިރުދެއްކުމާ ކުރިމަތިލާންޖެހި، ނަފްސާނީ ގޮތުން އިތުރު އަނިޔާ ލިބުމަށްވެސް މަގުފަހިވެގެންދާނެ ކަމަށާއި، މިއީވެސް މިހާރު އާންމު ވަމުންދާ ކަމެއް ކަމުގައި ބުނެފައި ވެއެވެ.
އެމްއާރުއެމް އިން ވަނީ މިބާވަތުގެ ލާއިްނސާނީ އަދި ނާތަހުޒީބީ އަމަލުތައް ދިވެހި މުޖުތަމަޢުން ނައްތާލުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމަށް ޖިނާޢީ އަދުލުގެ ނިޒާމް ދަމަޖައްޓަން ހަވާލުކުރެވިފައިވާ އެންމެހައި ފަރާތްތަކަށް އިލްތިމާސްކޮށްފަ އެވެ.
“އަނިޔާގެ ކަންކަމުގެ ފަރުވާއަކަށް ވާނީ، އަނިޔާ ލިބޭ ފަރާތަކަށް އިންސާފާއި ރައްކާތެރިކަން ކަށަވަރުވުން. ވީމާ، އިންސާފު ހޯދައިދިނުމަށްޓަކައި ޤާނޫނު ތަންފީޒުކުރުމަށް މަތިކޮށްފައިވާ އިދާރާތަކުން ވަކި ފަރާތަކަށް ބުރަނުވެ، ހަމައާއި އިންސާފުން މައްސަލަތައް ތަޙުޤީޤުކޮށް، ކުށްވެރިންނަށް ޙައްޤު އަދަދު ދިނުމަށް މި ޕާޓީން ގޮވާލަން. ބެލެން އޮތް އެންމެ ފުރިހަމައަށް އަދި އަވަހަށް މައްސަލަ ބަލައި އަދުލުވެރިކަމާއެކު ތަޙުޤީޤު ކުރުމަކީ، ކުށުގެ ތުހުމަތު ކުރެވޭ ފަރާތަކީ އެކުށް ނުކުރާ މީހަކުނަމަ އެމީހަކަށް އިންސާފު ހޯދައިދިނުމަށްވެސް އޮތް އެންމެ ރަނގަޅު މަގު”، އެ ބަޔާނުގައި އެމްއާރުއެމް އިން ބުނެފައި ވެއެވެ.
މީގެ އިތުރުން އެމްއާރުއެމް އިން ވަނީ ސަފާރީ ބޯޓުގައި ހިނގި ކަމަށް ތުހުމަތު އުފުލެވިފައިވާ އަންހެނަކު ރޭޕްކުރި މައްސަލައިގައި އަނިޔާގެ ޝިކާރައަކަށްވި މީހާއަށް އިންސާދު ހޯދައިދިނުމަށް ފުލުހުން މިއީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙުޤީޤު ކުރުމަށް އިލްތިމާސްކޮށްފަ އެވެ. އަދި މި ޢަމަލު ހިންގި ކަމަށް ބެލެވޭ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް، އަނިޔާ ލިބުނު މީހާގެ ޙައްޤު ހޯދައިދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށްވެސް އެމްއާރުއެމް އިން ވަނީ ގޮވާލައިފަ އެވެ.