English Edition
Dhivehi Edition
ދައުރުން ބޭއްވި ޚާއްސަ ޖަލްސާއެއްގެ ތެރެއިން - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖައްސައިފި އެވެ. އެއް މަސް ދުވަހުގެ ޗުއްޓީއަކަށްފަހު ޖަލްސާތައް ފެށުމަށް ނިންމާފައިވާއިރު، ބުރާސްފަތި ދުވަހުގެ ޖަލްސާގެ އެޖެންޑާއެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.

މަޖިލީހުގެ ދެވަނަ ދައުރަށްފަހު މެމްބަރުން ޗުއްޓީއަށް ވަޑައިގެންފައި ވަނީ މިދިޔަ މަހުގެ ފަސްވނަ ދުވަހު އެވެ. ނަމަވެސް ޤަވާއިދުގައި ބުނެފައިވާ ގޮތުން ދެވަނަ ދައުރު އަސްލު ނިމެން އޮންނަނީ އޮގަސްޓް މަހުގެ ނިޔަލަށެވެ.

މަޖިލިސް ޗުއްޓީއަށް ދިޔަނަމަވެސް، ދައުރުން ބޭރުގައި ވަނީ ތިން ޖަލްސާއެއް ބާއްވައިފަ އެވެ. އެގޮތުން ސަރުކާރުން ޓެރަރިޒަމް ހުއްޓުވުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް އަވަސް ކުރުމަށްޓަކައިވެސް ޖަލްސާތައް ބާއްވައި، އެ ބިލް ވަނީ މިހާރު ފާސްކޮށްފަ އެވެ. މީގެ އިތުރުންވެސް މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ އިތުރުން ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ އިންވެސް ވަނީ މަޖިލިސް ޗުއްޓީ ތެރޭގައި ބުރަކޮށް މަސައްކަތްކޮށްފަ އެވެ.

18 ވަނަ ރައްޔިތުންގެ މަޖިލީހުން މިހާތަނަށް 31 ބިލް ހުށަހަޅައި، 14ގެ މަސައްކަތް ނިންމާފައިވާއިރު، 21 ޤަރާރެއް ހުށަހަޅައި 9 ޤަރާރެއްވެސް ވަނީ ނިންމައިފަ އެވެ. އަދި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވި 15 މައްސަލައިގެ ތެރެއިން 12 މައްސަލަ ނިންމައި، ރިޔާސަތުން ހުށަހެޅުއްވި 22 މައްސަލައެއްގެ ތެރެއިން 17 މައްސަލައެއް ނިންމާފައިވާއިރު، މެންބަރުން ހުށަހެޅުއްވި 9 މައްސަލައެއްވެސް ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން ވެސް އެހެނިހެން ރިޕޯޓްގެ ގޮތުގައި 39 ރިޕޯޓް ހުށަހަޅައި 34 ރިޕޯޓް ނިންމާފައިވާއިރު، ވަޒީރުންނާއި ސުވާލުކުރުމަށް 20 ފަހަރަށް ހުށަހަޅައި، 14 ފަހަރު ސުވާލުކުރެވިފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ފެށުމަށް ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 ގައެވެ.