އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން އުޅެނީ ސަރުކާރުގެ އަމިއްލަ މަންފާއަށް ކަމަށް, ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބު ރޯދަ މަހާ ދިމާވާތީ، ރޯދަ މަހުގެ ދިހަ ދުވަސް ފަހުން އެ އިންތިހާބު ބާއްވަން ޖެހޭ ގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް މަޖިލީހުން ގެނައި އިސްލާހު ތަސްދީގުކުރުން އަވަސްކުރަން ގޮވާލާ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލައިގައި ބުނެފިއެވެ.
މިއަދުގެ މަޖިލީސް ޖަލްސާގައި އެ ކުއްލި މައްސަލަ ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދެވެ. އެ މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް ފާސްކުރީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 24 މެންބަރުންގެ ތެރެއިން 23 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ކުއްލި މައްސަލަ ބަލައިގަތުމަށް ނުފެންނަ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވިއެވެ.
އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އެމްޑީޕީގެ ފަރާތުން ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފައިވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ, އަދި ބިލު ތަސްދީގުކުރުމަށްޓައި އެ ބިލު ރައީސް އޮފީހަށް ފޮނުވީ މި މަހުގެ 12 ވަނަ ދުވަހުއެވެ.
އެ ބިލު ތަސްދީގުކުރުން ލަސްވުމާގުޅިގެން ހުށަހެޅި ކުއްލި މައްސަލަގައި ބުނީ، އެ ބިލު ފޮނުވިތާ ހަފްތާއަކަށްވުރެ ގިނަދުވަސް ވެފައިވާ ކަމަށެވެ. އަދި އެހާ ދުވަސްވިއިރު ވެސް އެ ބިލު ތަސްދީގު ކުރައްވާނެ ކަމުގެ އެއްވެސް އިޝާރާތެއް ރައްޔިތުންނަށް ލިބިފައިނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރާ ކަމަށް ވެސް މައްސަލައިގައި ބުނެފައިވެއެވެ.
“ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކޮށް، ތަސްދީގުކުރަން ފޮނުވި ފަހުން، ރައީސް މުއިއްޒުގެ ބައެއް ވާހަކަފުޅުތަކުގައި އިންތިޚާބު އޮންނާނީ އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު ކަމަށް ވިދާޅުވަމުންދާއިރު އެއީ ސަރުކާރުން އަމިއްލަ މަންފާއެއް ހޯދުމަށް,” ކަމަށް ވަހީދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.
ބިލު މަޖިލީހުން ފާސްކުރީ ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންގެ ވެސް ތާއީދާއެކު ކަން ފާހަގަކޮށް އެ މައްސަލައިގައި ބުނީ، މަޖިލިސް އިންތިހާބު ރޯދަ މަހާ ދިމާވާތީ، ގާނޫނު އިސްލާހުކޮށްފައި ވަނީ ރައްޔިތުންނަށް ރޯދަ މަހު އިންތިހާބު ބޭއްވުމުން ކުރިމަތިވާނެ ދަތިތަކަށް ހައްލެއް ހޯދުމަށް ކަމަށެވެ. އަދި އެ ބިލު ތަސްދީގު ނުކޮށްފިނަމަ ރައްޔިތުންނަށް ތަކުލީފުތަކެއް އުފުލަން ޖެހޭނެ ކަމަށެވެ.
އެހެންކަމުން އެ ހައްސާސް މައްސަލައަށް އަވަސް ހަލެއް ހޯދައިދިނުމަށްޓަކައި ލަސްނުކޮށް ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ އިޖުރާއަތްތަކާ އެއްގޮތަށް އަމަލުކުރެއްވުމަށް ކުއްލި މައްސަލައިގައި ވަނީ ރައީސަށް ގޮވާލާފައެވެ.
ގާނޫނުއަސާސީގެ ނުވަދިހަ އެއް ވަނަ ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ތަސްދީގު ކުރަން ފޮނުވާ ބިލެއް “ރައީސުލްޖުމްހޫރިއްޔާއަށް އެ ބިލު ލިބޭތާ ފަނަރަ ދުވަހުގެ ތެރޭގައި ބިލު ތަސްދީގު ކުރާން ވާނެ” ކަމަށެވެ. އަދި އެ ބިލު ތަސްދީގު ނުކުރައްވައި އެ ފަނަރަ ދުވަހުގެ ތެރޭގައި އަނބުރާ މަޖިލީހަށް ފޮނުވާލެވިދާނެ ކަމަށް ވެސް އެ މާއްދާގައި ބުނެއެވެ.
ގާނޫނުއަސާސީގެ ނުވަދިހަ އެއް ވަނަ މާއްދާގެ (ށ) ގައި ވާގޮތުން، ރައްޔިތުންގެ މަޖިލީހަށް ރައީސް އަނބުރާ ފޮނުވާ ބިލެއް އެއްވެސް ބަދަލެއް ނުގެނެސް މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްފި ނަމަ އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާންވާނެކަމަށެވެ.
އޭގެއިތުރުން ގާނޫނުއަސާސީގެ ނުވަދިހަ އެއް ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވަނީ ބިލެއް ތަސްދީގު ކުރުމަށް ނުވަތަ އަނބުރާ ފޮނުވާލުމަށް ލިބޭ 15 ދުވަހުގެ މުއްދަތުގައި، މަޖިލީހަށް އެ ބިލެއް އަނބުރާ ނުފޮނުވައިފި ނަމަ ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަސްދީގުކުރީ ކަމަށް ބަލައި، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާން ވާނެ ކަމަށެވެ.
ބިލު ތަސްދީގު ކުރަން ބޭނުން ނުވާ ނަމަ ރައީސް އެ ބިލު އަލުން މަޖިލީހަށް ފޮނުވާލެއްވި ނަމަވެސް، އަނެއްކާ ވެސް ބިލު އޮތް ގޮތަށް މަޖިލީހުން ފާސްކުރާނެ ކަމަށް މަޖިލީހުގެ މެޖޯރިޓީ އޮތް އިދިކޮޅު އެމްޑީޕީ އާއި އެ ޕާޓީއާ ގުޅިގެން މަޖިލީހުގައި މަސައްކަތް ކުރަމުން އަންނަ ޑިމޮކްރެޓްސްއިން ވަނީ ބުނެފައެވެ.