English Edition
Dhivehi Edition

ކުރީގެ ރައީސް އަބްދުލްﷲ ޔާމީން އަބްދުލް ގައްޔޫމް ގެ ސަރުކާރުގައި ނައިބު ރައީސްކަން ކުރެއްވި އަހުމަދު އަދީބުގެ މައްޗަށް އިތުރު 7 ދައުވާއެއް ކޮށްފިއެވެ. އެގޮތުން އަދީބުގެ މައްޗަށް އިތުރު 7 ދައުވާއެއް އުފުލައި މިއަދު ވަނީ ކުރިމިނަލް ކޯޓަށް ފޮނުވާފައެވެ.

އަދީބުގެ މައްޗަށް ދައުވާ އުފުލަމުން ޕްރޮސެކިއުޓާ ޖެނަރަލް ގެ އޮފީހުން ވިދާޅުވީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ހިޔަނާތާއި، ކޮރަޕްޝަނާއި، މަނީ ލޯންޑަރިންގ މައްސަލައާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސް އިންނާއި، ކޮރަޕްޝަންއަށް ހާއްސަކޮށް އުފެއްދި ކޮމިޝަން ގުޅިގެން ހިންގި ތަހުގީގަށް ފަހު، އަހުމަދު އަދީބުގެ މައްޗަށް ދައުވާ ކުރުމަށް މި މަހުގެ 21 ވަނަ ދުވަހު ފުލުހުން ޕީޖީ އޮފީހަށް ހުށަހެޅި ކަމަށެވެ.

އަހުމަދު އަދީބު މިހާރުވެސް ގެންދަވަނީ ޖަލުގައި ދުވަސްތައް ގުނަމުންނެވެ. ފިލައިގެން ޓަގު ބޯޓެއްގައި އިންޑިޔާއަށް ގޮސް ހުއްޓާ އެޤައުމުގެ ފުލުހުން ވަނީ އަދީބު ހައްޔަރުކޮށް ދިވެހި ފުލުހުންނާއި ހަވާލުކޮށްފައެވެ. މިމައްސަލާގައި އަދީބުގެ މައްޗަށް ދައުވާ ސާބިތުވެ ކުރިމިނަލް ކޯޓުން ވަނީ އަދީބު ތިން މަހާއި 18 ދުވަހަށް ޖަލަށްލުމަށް މިމަހުގެ 19 ގައި ހުކުމް ކޮށްފައެވެ.