މިއަދަކީ ދުނިޔޭގެ ހިތުގެ ދުވަހެވެ. ވޯރލްޑް ހާޓް ފެޑެރޭޝަނުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި މިއަހަރުގެ ހިތުގެ ދުވަސް ފާހަގަ ކުރާ ޚާއްޞަ ދުވަހެވެ. އެހެންކަމުން ބޭރުގެ އެކި ޤައުމުތަކާއި ރާއްޖޭގެ އެކި ކަންކޮޅު ތަކުގައިވެސް ކުލަގަދަކޮށް މިއަދު ހިތުގެ ދުވަސް މިދަނީ ފާހަގަ ކުރަމުންނެވެ.
ވޯރލްޑް ހާރޓް ފެޑެރޭޝަނުން ހިތުގެ ދުވަހެއް ފާހަގަ ކުރަމުންދަނީ ހިތުގެ ތަފާތު ބަލިތަކުގައި ދުނިޔެއަށް ޢަލްވަދާޢު ކިޔަމުންދާ މީހުން ގިނަ ވަމުންދާތީ ހިތުގެ ބަލި ޖެހޭ މީހުންގެ ޢަދަދު މަދުކުރުމަށް އެކަމަށް މީހުން ހޭލުންތެރިކުރުމަށް ކުރާ މަސައްކަތުގެ ތެރެއިންކަމަށް އެ ފެޑެރޭޝަނުން ހާމަކުރެއެވެ.
ދިވެހިރާއްޖޭގައި މިދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިވެރާއްޖޭގެ އެކި އެކި ކަން ކޮޅުތަކުގައި ތަފާތު ހަރަކާތްތައް ކުރިއަށް އެބަދެއެވެ. އޮފީސްތަކާއި ސްކޫލްތަކާއި ހޮސްޕިޓަލްތަކުގެ މަސައްކަތް މިއަދު ފެށީ ހިތުގެ ދުވަހާ ގުޅުވައިގެން ބޭއްވި ތަފާތު ހަރަކާތް ތަކުންނެވެ.
އެގޮތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އާއި ގުޅިގެން ރާއްޖޭގެ ސްކޫލްތަކުގައި މިއަދު ތަފާތު ގިނަ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންގޮސްފައި ވެއެވެ. އެގޮތުން ކޮންމެ ސްކޫލެއްގައި ދުވަހުގެ ހާއްސަ އެސެމްބްލީއެއް ބާއްވައި މިދުވަސް ފާހަގަ ކުރުމަށް މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރު ކަމުގައިވާ “ޕަވާ ޔުއާ ލައިފް” އާއި ގުޅޭ ގޮތުން ކުރެހުމުގެ މުބާރާތްތައް ބޭއްވުމާއި، ހިތުގެ ބައްޔާއި ގުޅޭ ގޮތުން ދަރިވަރުންގެ ހިޔާލު ފާޅުކުރުމާއި، ދަރިވަރުންނަށް ހާއްސަ ކަސްރަތުގެ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމުގެ އިތުރަށް ހިތުގެ ބައްޔާއި ގުޅޭ ލިޔުންތަކާއި މެސެޖުތައް ހިމެނޭ ބޯޑު ފަދަ ތަކެތި ހިފައިގެން ދަރިވަރުން ހިތުގެ ބައްޓަމަށް ހަރަކާތްތެރިވުންފަދަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކުގައި މިދުވަސް ފާހަގަ ކުރުމުގެ މައިގަނޑު މަޤްސަދަކީ ދުޅަހެޔޮ ސިއްހަތެއްގައި ދަރިވަރުން ބޭތިއްބުމަށް ބާރު އެޅުމާއި، ހިތުގެ ބަލިތަކާއި މެދު ސްކޫލްތަކުގެ ދަރިވަރުންނާއި މުވައްޒަފުންގެ ހޭލުންތެރިކަން އިތުރުކުރުމާއި ހިތުގެ ބަލިތަކާއި މެދު މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކޮށް މިކަމުގައި ސްކޫލްތަކުގެ ދަރިވަރުންގެ ބައިވެރިވުން މިހާރަށް ވުރެ ފުޅާ ކުރުން ކަމުގައި އެމިނިސްޓްރީ އިންވެސް ހާމަކުރެއެވެ.
ދިވެހިންނަކީ އެއްބައިވަންތަ ކަމާއެކު މުޖުތަމަޢުގެ ދުޅަހެޔޮކަމަށް މަސައްކަތް ކުރާ ބައެކެވެ. ހިތުގެ ބަލި ޖެހޭ ދިވެހިން މަދުވެ މިބަލީގައި މަރުވާ މީހުންގެ ޢަދަދުވެސް މަދުވުމަކީ ދިވެހިން ދެކެން ބޭނުންވާ ދުވަހެއްކަން މިއަދު ހަމައެކަނި ސޯޝަލް މީޑިއާ އަށް ބަލާލި ކަމުގައި ވިޔަސް ހާމަވެގެން އެބަދެއެވެ. ‘އަހަރެންގެ ހިތް، ތިބާގެ ހިތް ދުޅަހެޔޮ ހިތަކަށް ވަޢުދެއް ވަމާ’ މި ޝިއާރުގެ ދަށުން ދިވެހިންގެ އެތަށް ބަޔަކުވެސް ދުނިޔޭގެ ހިތުގެ ދުވަހުގެ ހަރަކާތުގައި ބައިވެރިވާތަން އެބަ ފެނެއެވެ. ފޭސްބުކު ސްޓޭޓަސް ތަކާއި ޓުވީޓު ތަކުންނެވެ. މުޅި ސޯޝަލް މީޑިއާގައި ފުރާލާފައި މިއޮތީ ދުވަހާ ގުޅޭ އެކިއެކި ވަޢުދު ތަކާއި މަޢުލޫމާތުގެ މެސެޖުތަކާއި ފޮޓޯ ތަކުންނެވެ. ތަފާތު ޅެންތަކާއި ރައިވަރު ތަކުންނެވެ.
ރާއްޖޭގައިވެސް ހިތުގެ ބަލީގައި މަރުވާ މީހުން މަދެއް ނޫނެވެ. އެހެންކަމުން ދިވެހިން ހިތުގެ ދުވަސް ފާހަގަ ކުރުމުގައި ބައިވެރިވުމަކީ އުފަލެކެވެ. އެކަމުގެ ސަބަބުން ހިތުބެ ބަލިތަކާއި މެދު ދިވެހިން ހޭލުންތެރިވެ ހިތުގެ ދުޅާހެޔޮކަން ދަމަހައްޓާނެ ގޮތުގެ މައުލޫމާތު ދިވެހިންގެ ކިބައިގައި އިތުރުވެ މިބަލީގެ ޝިކާރައަކަށްވެ ދުނިޔެ ދޫކުރާ ދިވެހިން މަދުކުރުމަށް ކުރެވޭ މުހިއްމު ކަމެކެވެ. ހިތުގެ ބަލީގައި މަރުވާ މީހުން މަދުވުމަކީ ވޯލްޑް ހާރޓް ފެޑެރޭޝަންގެވެސް އެދުމެކެވެ. ދިވެހިންގެ ވެސް އެދުމެއްކަން ޔަޤީނެވެ.