އައްޑޫސިޓީ މީދޫ އަންހެން ކަނބަލުންނަކީ އެވޭލާ ޒަމާނުއްސުރެ ސާފުތާހިރުކަމަށް ލޯބިކުރާ އަދި ގެދޮރު ޒީނަތްތެރިކުރުމަށް މުޅި އައްޑުއިންވެސް އަރާތިބި ރައްޔިތެއް ދިރިއުޅެމުން އަންނަ ރަށެކެވެ. ގެދޮރު ޒީނަތްތެރިކުރުމަށް ވެލި އެޅުމާއި އަދި ވަކިންޚާއްޞަކޮށް ރީތި މާމެލާ މެލި ހެއްދުމަކީ މީދޫ އަންހެން ކަނބަލުން ވަރަށް ފޯރިއާއި ޖޯޝާއެކީ ކުރަމުން އަންނަ ކަމެކެވެ.
ދިވެހިންގެ އާދަކާދައަށް އައި ގިނަ ބަދަލުތަކުގެ ތެރެއިން މިދެންނެވި މާމެލާމެލި ހެއްދުމުގެ ވައްޓަފާޅިއަށް ވެސް މިވަނީ ނުހަނު ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ކުރީގައި ބިންމަތީގައި އިންދާ، ހެދޭނެހައި ގޮތަކަށް ހެދެން ދޫކޮށްލި މާގަސްތައް ތަފާތު ސައިޒުތަކުގެ ވަށިތަކުގައި އިންދައި މިތަކެއްޗަކީ ކަނބަލުން ވަރަށް ލޯބިން ގެންގުޅޭ ތަކެއްޗަށް މިވަނީ ބަދަލުވެފައެވެ.
މިހާރު އެންމެ މަގުބޫލު ގަސްތަކުގެ ތެރޭގައި އެކި ކުލަކުލައިގެ ބޯގަންވިލާ އަދި މަލިކުރުވާ ހިމެނެއެވެ. ކަންތައް މިހެން އޮއްވާ ގަސްތައް ހެއްދުމުގެ ވާދަވެރިކަން މިވަނީ އަންހެން ވެރިންގެ މެދުގައި ބޮޑުވެ މުބާރާތެއް ބާއްވާހާ ވާދަވެރިވެފައެވެ. އެއް ގެއެއްގައި ނެތް ކަހަލަ ގަހެއް ހޯދައި އިންދުމާއި އަދި ނުވިތާކަށް ބޮޑު އަގުދީގެން ގަސް ގަނެގެން އިންދުންވެސް މިވަނީ ވަރަށް ކުރިއަރައި ގޮސްފައެވެ.
ހިތާމަ ކުރަންޖެހޭ ކަމަކީ އަންހެންވެރިންގެ ބުރަ މަސައްކަތުން ގަސްތައް އިންދައި ހެއްދުމުން އެ ގަސްތައް ވަގަށް ނަގައި ވިޔަފާރިކުރާ ބައެއްވެސް މި މުޖްތަމަޢުގައި އުޅޭ ކަމެވެ. މިބައި މީހުންނަށް ހިތްވަރުދީ މިކަން އިތުރަށް ފުރިހަމަކުރެވޭނެ މަގެއް ފަހި ކޮށްދިނުމަކީ ފިރިހެންވެރިންނަށް ކުރެވިދާނެ ކަމެކެވެ. އޭރަށް މި މާމެލާ މެއްޔަށް ކަޅި އަޅަމުންދާ އެހެން ރަށްރަށަށް ވެސް މެސެޖެއް ދެވުނީތާއެވެ. މީދޫ އަންހެންވެރިންގެ މަސައްކަތަކީ ސާބަސް ހައްގު މަސައްކަތެކެވެ.