English Edition
Dhivehi Edition
ރައީސް މުޙައްމަދު ޞޯލިޙް މިއަދު ނޫސްވެރިންނާއި ބައްދަލު ކުރައްވަނީ

ނު އަގުގައި ދޫކޮށްފައިވާ ރަށްތަކުގެ އަގަށް ގާތްގަނޑަކަށް 220 މިލިއަން ޑޮލަރު އަރާ ކަމަށް އެސެޓް ރިކަވަރީ ކޮމިޓީން މިހާތަނަށް ބެލި ބެލުމުން އެނގޭ ކަމަށް ރައީސް ޞޯލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލު ކުރައްވައި މިއަދު ރައީސް ސޯލިހު ވިދާޅުވީ ގާތްގަނޑަކަށް ފަސްދޮޅަހަށްވުރެ ގިނަ ރަށް އެކިގޮތްގޮތުން ނުއަގުގައި އެކި ފަރާތްތަކަށް ދޫކުރެވިފައި ހުރި ކަމަށާއި، އެރަށް ތަކުގެ އިކްއިޒިޝަން ކޮސްޓް، މިހާރު ހަމަޖެހިފައި އޮތްގޮތުން އަގުކުރީމާ، ގާތްގަނޑަކަށް 220 މިލިއަން ޑޮލަރަށް އޭގެ އަގު އަރާކަމަށެވެ. އަދި މިއީ އަދި ދޫކޮށްފައި ހުރި ފަޅުތައް ނުހިމަނައެވެ.

“އެހެންވީމާ، އެސެޓް ރިކަވަރީ ކޮމިޓީގެ ރިޕޯޓް ފައިނަލްވުމާ އެކީގައި، އަޅުގަނޑުމެން އެ ރަށްތަކުން ހަމަ އަގު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނަން. އަދި އެއާއެކުގައި މިހާރުން މިހާރަށްވެސް އެގްރީމަންޓް ބާޠިލުކުރެވެން އޮތް ރަށެއް އޮތް ކަމަށްވަންޏާ، އެކަންވެސް އަޅުގަނޑުމެން ކުރަމުން ގެންދާނަން. މިހާތަނަށްވެސް، މީގެ ދެ ދުވަސް ކުރިންވެސް އަޅުގަނޑު ވާނީ އޭގެ އެއް އެގްރީމަންޓް ބާޠިލުކޮށްފައި.”

ދޫކޮށްފައި ހުރި ރަށްތަކުގެ ތެރެއިން 12 ރަށް މިހާރު އޮޕަރޭޓް ކުރާކަމަށާއި؛ 3 ރަށެއްގެ 50 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށާއި އަދި 21 ޕަސެންޓާއި 49 ޕަސެންޓާ ދެމެދުގައި 3 ރަށެއްގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ރައިށް ހާމަކުރެއްވެވިއެވެ.

މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޞޯލިޙްވިދާޅުވެލެއްވީ، މިކަމާ ދޭތެރޭގައި ފިޔަވަޅެއް އަޅާއިރު، ސަރުކާރުން ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމަށާއި ރާއްޖޭގެ އިންވެސްޓަށް ކޮންފިޑެންސް ނުގެއްލޭގޮތަށް މިކަމުގައި ޙައްލެއް ހޯދަން ސަރުކާރުން ބަލަން ޖެހޭ ކަމަށެވެ.