English Edition
Dhivehi Edition
ރައީސް މުޙައްމަދު ޞޯލިޙް މިއަދު ނޫސްވެރިންނާއި ބައްދަލު ކުރައްވަނީ

ބިދޭސީންގެ މައްސަލައަކީ ހައްލު ކުރަން އުނދަގޫ މައްސަލައެއް ކަން އެނގިވަޑައިގަންނަވާކަމަށާއި، ނަމަވެސް އެއް އަހަރުގެ ތެރޭގައި ނަތީޖާ ފެންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ ބައްދަލު ކުރައްވައި މިއަދު ރައީސް ސޯލިހު ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް މި ސަރުކާރުން ފެށި މަސައްކަތްތަކީ ވަރަށް އުނދަގޫ މަސައްކަތްތަކެއް ކަމަށެވެ.

ރައީސް ވިދާޅުވީ މިހާރު ފަށާފައިވާ އެއްއަހަރު ދުވަހުގެ ޕްރޮގްރާމްގެ ދަށުން މިހާރުވަނީ އެއްއަހަރަށް ބަންގްލަދޭޝްއިން ލޭބަރުން ގެނައުން މަނާ ކޮށްފައި ކަމަށާއި މިހާރު ރާއްޖޭގައި ޤަވާޢިދާއި ޚިލާފަށް އުޅޭ ބިދޭސީން ޤަވާޢިދުގެ ތެރެއަށް ފެއްތުމުގެ މަސައްކަތްވެސް ފަށާފައިވާ ކަމަށެވެ.

އެއް އަހަރު ދުވަހަށްފަހު އަލުން ހުއްދަ ހުޅުވާލާއިރު ބިދޭސީން ގެނައުމުގައި ބަދަލުތަކެއް ގެންނަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ކޯޓާއަށް އެދި މީހުން ގެންނައިރު އެމީހުން ގެނެސް ބައިތިއްބާނެ ތަނެއް ދައްކަން ޖެހޭނެއެވެ..

އޭގެއިތުރުން ވަގަށް އެތެރެވާ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ވެސް ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމުގައި އިމިގްރޭޝަން ފަދަ ތަންތަން ވެސް ޝާމިލުވާ ގޮތަށް ނެޓްވޯކެއް އޮންނަކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

މައްސަލަ ހައްލު ކުރުމަށް ރައީސް ސޯލިހު ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމެވިއިރު ރާއްޖޭގައި ގަވާއިދާއި ޚިލާފަށް ފުޅާ ދާއިރާއެއްގައި ބިދޭސީންގެނެސް ވިޔަފާރި ކުރަމުން ދިޔަ ބަންގްލަދޭޝްގެ ދެ މީހަކު އިމިގްރޭޝަނުން ވަނީ ޑީޕޯޓްކޮށްލާފަ އެވެ..އެކަން ކޮށްފައިވަނީ ގަވާއިދުތަކާ އެއްގޮތަށްތޯ އިކޮނޮމިކް މިނިސްޓްރީން ބަލަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ރައީސް ސޯލިހު ވަނީ “ނެޝަނަލް ޓާސްކްފޯސް އޮން އިޝޫސް ރިލޭޓެޑް ޓު މައިގްރެންޓް ވާކާސް” ގެ ނަމުގައި ސަރުކާރުގެ މަތީފެންވަރުގެ ޓާސްކްފޯހެއް އުފައްދަވާފަ އެވެ.އެ ލީޑް ކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ޔޫސުފް ވަނީ އެ މައްސަލަތައް ހައްލު ނުކުރެވިއްޖެނަމަ އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.