ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ(އެންޑީއެމްއޭ) ގެ ފަރާތުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ހަތަރު ޑްރޯން މިއަދު ހަދިޔާކޮށްފިއެވެ.
މިކަމަށް ޓަކައި އޮތް ރަސްމިއްޔާތުގައި އެންޑީއެމްއޭ ގެ ފަރާތުން އެމްއެންޑީއެފް އަށް ޑްރޯންތައް ހަވާލުކޮށްދެއްވީ، އެ އޮތޯރިޓީގެ ޗީފް އެކްޒެކްޓިވް، ހިސާން ޙަސަންއާއި، ޑެޕިޔުޓީ ޗީފް އެގްޒެކެޓިވް، އުމަރު މޫސާ ފިކުރީ އަދި ޑައިރެކްޓަރ ޖެނެރަލް ސަފީނާޒް އެވެ. އެމްއެންޑީއެފް ގެ ފަރާތުން މި ޑްރޯން ތަކާއި ހަވާލުވެވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، އެމްއެންޑީއެފް ކޯސްޓްގާޑު ކޮމަޑާންޓް، ކާނަލް މުޙައްމަދު ސަލީމް އަދި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ކޮމަޑާންޓް، ކާނަލް ޢަބްދުﷲ އިބްރާހީމެވެ.
“އެންޑީއެމްއޭއިން ހަދިޔާކުރެއްވި މި ޑްރޯންތަކަކީ، ހިޔުމެނިޓޭރިއަން އެސިސްޓެންސް އެންޑް ޑިޒާސްޓަރ ރިލީފް (އެޗްއޭޑީއާރު) އޮޕަރޭޝަނާއި ސާރޗް އެންޑް ރެސްކިޔު (އެސްއޭއާރު) ގެ މަސައްކަތްތައް ކުރުމުގައި ދިވެހި ސިފައިންގެ އޮޕަރޭޝަނަލް ކެޕޭސިޓީ މަތިކޮށްދީ، ޑިޒާސްޓަރ ރެސްޕޮންސް އިތުރުކޮށްދިނުމުގެ ގޮތުން ހަވާލުކުރެއްވި ޑްރޯންތަކެއްކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ މިއަދު ޑްރޯންތައް ހަދިޔާކުރުމަށް ބޭއްްވި ބައްދަލުވުމުގައި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، އެމްއެންޑީއެފްގެ ސީނިއަރ އޮފިސަރުންގެ އިތުރުން، އެންޑީއެމްއޭގެ ސީނިއަރ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.