ރައީސުލްޖުމްހޫރިއްޔާ ގެ ނައިބު ފައިސަލް ނަސީމް، މާލޭގައި ތޮއްޖެހުމުގެ މައްސަލަ ކުޑަކޮށް ޓްރެފިކްގެ މައްސަލަތައް ހައްލުކުރެއްވުމަށް ކަމާބެހޭ މުއައްސަސާތަކާ މިއަދު މަޝްވަރާކުރައްވައިފިއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި މި މަޝްވަރާތަކުގައި މާލޭގެ މަގުތަކުގައި އިތުރަށް ޖާގަހެދުމާ، ބާރުބޮޑުވެ އުޅަނދުފަހަރު ދުއްވުމުގެ އިތުރުން ހިނގާބިނގާވާ ފަރާތްތަކަށް ކުރިމަތިވަމުންދާ ދަތިތަކަށް އަވަސް ހައްލެއް ހޯދުމާގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. ރައީސް އޮފީހުން އިތުރަށް ވިދާޅުވީ ޤަވާއިދާ ޚިލާފަށް ޕާކުކުރުމުގެ ސަބަބުން ދުއްވުމާ ހިނގާބިނގާވާ ފަރާތްތަކަށް ދިމާވާ ދަތިތައް ޙައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާބެހޭގޮތުންވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަމަށެވެ.
މިއަދު ކުރިޔަށް ގެންދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސް އޮފީހުގެ ބައެއް އިސް ބޭފުޅުންނާއި މާލެ ސިޓީ ކައުންސިލުންނާއި ޓްރާންސްޕޯޓް އޮތޯރިޓީގެ އިތުރުން ފުލުހުންގެ މުއައްސަސާއިން ބައިވެރިވިއެވެ.