English Edition
Dhivehi Edition

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ކުޑަކުދިންނަށް ފަރުވާ ދޭން ވަކި މަރުކަޒެއް ގާއިމުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ނެޝަނަލް ޑްރަގް އެޖެންސީން އިންތިޒާމުކުރާ އޯޕަން ޑޭ 2019 ހުޅުއްވައި ދެއްވުމަށް މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާއިން މި ޤައުމާއި މި ޖީލާއި އަދި އަންނަން އޮތް މިޤައުމުގެ ޖީލުގެ ދަރީން ސަލާމަތް ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަކީ އަޅުގަނޑުމެން ކޮންމެ މީހެއްގެ ކޮނޑުގައި އެޅިފައިވާ ވަރަށް މުހިންމު ވާޖިބެއްކަމުގައި އެމަނިކުފާނު ދެކިވަޑައިގަންނަވާކަމަށެވެ. މަސްތުވާތަކެތީގެ ޝިކާރައަށް ވަމުންދާ ޒުވާންޖީލް އެވަބާއިން ސަލާމަތް ކުރުމަކީ މިސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ހަމަ އެހާމެ މުހިންމު އިސްކަމެއް ދެވިފައިވާ ކަމެއްކަންވެސް އެމަނިކުފާނު ފާހަނގަ ކުރެއްވިއެވެ. އެގޮތުން މި ސިޔާސަތު ބައްޓަން ކޮށްފައިވާނީ މަސްތުވާތަކެތި އެތެރެވާ ދޮރުތައް ބަންދުކޮށް، މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވައި، މަސްތުވާތަކެތީގެ ޝިކާރައަށްވެފައިވާ ފަރާތްތަކަށް ފަރުވާދީ، ތަރުބިއްޔަތުދީ، ތަމްރީން ދީގެން އެމީހުން އަލުން އަނބުރާ މުޖުތަމަޢަށް ނެރުމަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

“ރާއްޖެއަށް މަސްތުވާތަކެތި އެތެރެވާ ދޮރުތައް ބަންދު ކުރުމާއި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެ ވިޔަފާރިން ނުޙައްޤު ނަފާ ހޯދުމަށް މިޤައުމުގެ ދަރީންގެ މުސްތަޤުބަލު ހަލާކުކުރަމުން ގެންދާ ފަރާތްތައް ހޯދައި އެފަރާތްތަކުގެ މިދެންނެވި ވިޔަފާރީގެ ވިއުގަތައް ބަންދުކޮށް ހުއްޓުވުމަކީ އަޅުގަނޑުމެން ފަހަށް ނުޖެހި ކުރަމުން ގެންދާނެ މަސައްކަތެއް. އަދި ކުޑަކުދިންނަށް ފަރުވާދޭ މަރުކަޒެއް ގާއިމުކުރުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައި. މި މަރުކަޒު ގާއިމުކުރުމުގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ފެށޭނެ.އެ ވަބާއިން ސަލާމަތްކުރުމަށް އެކުދިންނާއި، އެ ކުދިންގެ އާއިލާތަކަށް ދޭންޖެހޭ ރީހެބިލިޓޭޝަން ފަރުވާ ދިނުމަށް ބޭނުންވާ ފަންނީ މުވައްޒަފުން ތަމްރީނު ކުރުމުގެ މަސައްކަތްވެސް ފެށިގެންދާނެ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސްވިދާޅުވީ، ނޭޝަނަލް ޑްރަގް އޭޖެންސީ މިހާރު ހިންގާ އިމާރާތުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދީ، ޒަމާނީ ވަސީލަތްތަކާއިއެކު ވަށައިޖެހޭ ފަރުވާގެ ނިޒާމެއް ޤާއިމުކޮށް ޚިދުމަތް ފުޅާ ކުރުމަށްޓަކާ ނޭޝަނަލް ޑްރަގް އެޖެންސީގެ އިމާރާތް ހުޅުމާލެއަށް ބަދަލު ކުރުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައި ކަމަށެވެ.

މި ބަދަލާއެކު ނޭޝަނަލް ޑްރަގް އޭޖެންސީގެ ޚިދުމަތްތައް ތަރައްޤީ ކުރެވޭއިރު، ޒަމާނީ ޑީޓޮކްސް ކްލިނިކަކާއި ފަރުވާގައި ތިބޭ މީހުން އުފައްދާ ތަކެތި ވިއްކާނެ ބިޒްނަސް ސެންޓަރެއްވެސް އެތަނުގައި ތަރައްޤީ ކުރެވޭނެ ކަމަށާއި މީގެއިތުރުން ކުޑަކުދިންނާއި އަންހެނުންނަށް ޚާއްޞަކޮށް، އެމީހުންނަށް ވަކިން ފަރުވާ ދެވޭނެ އިންތިޒާމު ތަކާއި ޒަމާނީ ތަހުލީލުތައް ކުރެވޭ ލެބޯޓްރީއަކާއި ޤައުމީ ދިރާސާ މަރުކަޒަކާއި ހިލޭ ކައުންސިލިންގ ދެވޭނެ އިންތިޒާމުތައްވެސް މި އިމާރާތުގައި ޤާއިމު ކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.