English Edition
Dhivehi Edition
ކްރިމިނަލް ކޯޓު - ފޮޓޯ: އަވަސް

ގިނަ އަދަދެއްގެ މަސްތުވާތަކެތި ޓްރެފިކްކުރި ކަމުގެ ކުށް ސާބިތުވި މީހަކު 11 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށް 50،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

މި މައްސަލައިގައި ކުށް ސާބިތުވެ ހުކުމް ކޮށްފައިވަނީ މުހައްމަދު ފައިސަލް ( ކ. މާލެ، ހ. ހުދުހުދާ މަންޒިލް) ގެ މައްޗަށެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން އެޕްރީލް 15، 2017 ވަނަ އަހަރު ފައިސަލް އާއި ބަންގްލަދޭޝް ރައްޔިތެއްކަމުގައި ކިއަމް އުއްދިން ދުއްވާފައިދިޔަ ސައިކަލެއް މަޑުކޮށް ބަލާ ފާސްކޮށްފައިވާކަމަށެވެ. ސައިކަލު ހުއްޓުވައި ބަލައިފާސްކުރިއިރު، ބަންގްލަދޭޝް މީހާއަތުގައި އޮތް ކޮތަޅެއްގެ ތެރޭގައި އޮތް ސިލިކޮން ފުޅިއެއްގެ ފޫ ނައްޓައި ބެލިއިރު، އެ ފުޅި ތެރެއިން މާސްކިން ޓޭޕް އަޅާފައި އޮތް ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާކަމަށެވެ އަދި އެ ޖޫސްޕެޓީ ކޮތަޅުގެ ތެރެއިން ޓޭޕް އަޅާފައިވާ ރަބަރު ޕެކެޓެއްގެ ތެރެއިން މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ މޯފިން ހުރި 100 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ކޯޓު ހުކުމުގައި ވަނީ ބުނެފައެވެ. އަދި އެތަކެތީގެ ބަރުދަނުގައި 49.1683 ގުރާމް ހުރިކަމަށްވެސް މި ހުކުމުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން މި ހުކުމުގައި ބުނެފައިވަނީ މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މ. ފޭވަރިޓްހިލްގެ ތިން ވަނަ ފްލޯގައި ފައިސަލް ދިރިއުޅޭ އެޕާޓުމަންޓު ބަލައި ފާސްކުރިއިރު އެޕާޓުމަންޓުގެ ބަދިގޭގައި ހުރި އުނދުނެއްގެ އިސްކުރުތައް ނައްޓައި ބެލިއިރު ވައަތްފަރާތު ކައްކާބައިގެ ތެރެއިން 19 ޖޫސްޕެޓީ ކޮތަޅު ފެނިފައިވާކަމަށެވެ. އަދި ޖޫސްޕެޓީ ކޮތަޅުތަކުން ފެނުނު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މޯފިންގައި 955.0204 ގްރާމް ހުރިކަމަށް ކޯޓު ހުކުމުގައި ވަނީ ބުނެފައެވެ. އަދި އެ އުނދުުނުގެ ކަނާތް ފަރާތު ކައްކާބައިގެ ތެރޭގައި އޮތް ރަބަރު ޕެކެޓެއްގެ ތެރެއިން ފެނުނު މޯފިންގައި 35.43 ގުރާމް ހުރިކަމަށް މި ހުމުގައި ބުނެފައިވެއެވެ.

މި މައްސަލައިގައި ހައްޔަރުކުރި ބަންގްލޭދޭޝް މީހާ އާއި އެ މަސްތުވާތަކެއްޗާއި އެއްވެސް ގުޅުމެއް ނުވާކަން ދެމީހުންގެ ހެކިބަހުންވެސް އެގޭ ކަމަށް ކޯޓުން ބުނެފައިވާއިރު ފައިސަލް އަތުން ފެނުނު މަސްތުވާތަކެއްޗާއި ގުޅިގެން އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާއެވެ.

މި މައްސަލައިގައި ކޯޓުން އޭނާގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވާއިރު މި މައްސަލައާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުގައި އޭނާ 5 އަހަރާއި 6 މަހާއި 1 ދުވަސް ހޭދަކޮށްފައިވާތީ، ހުކުމުން އެބައި އުނިކޮށް 6 އަހަރު ދުވަހަށް ޖަލަށްލުމަށް ވަނީ ހުކުންކޮށްފައެވެ.