English Edition
Dhivehi Edition
ފޮޓޯ: ޕޮލިސް

ފުލުހުންގެ އިންޓެލިޖެންސާއި ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ވިލިނގިލިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަނަކީ މާލެއިން ފުރައިގެން ވިލިނގިއްޔަށް ދަތުރުކުރަމުންދާ މުދާ އުފުލާ ދޯންޏަކުން އެރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

ޖޫން 4 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން އެ ދޯނި ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން 48 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު މި މައްސަލަ ވިލިނގިލި ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.