English Edition
Dhivehi Edition
އިއާދަކުރުވަނިވި ހަކަތަ ބޭނުންކޮށްގެން ގުޅީފަޅުގައި ބޯފެން އުފެއްދުމަށް ފަހުމުނާމާގައި ސޮއިކުރުން - ފޮޓޯ:އެމްޑަބްލިޔުއެސްސީ

އިއާދަކުރުވަނިވި ހަކަތަ ބޭނުންކޮށްގެން ސާފު ރައްކާތެރި ބޯފެން އުފެއްދުމުގެ ނިޒާމެއް ގުޅީފަޅުގައި ގާއިމުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި މަޝްރޫއަކީ ޖަޕާނުގެ ސަރުކާރާއި ގްލޯބަލް އެންވަޔަރަންމަންޓް ސެންޓަ ފައުންޑޭޝަނާއި ހިޓާޗީ ޒޯސެން އަދި ރިނިއުބަލް އެނަޖީ މޯލްޑިވްސްއިން ފަންޑް ކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެމްޑަބްލިޔުއެސްސީ އާއި ޖަޕާނުގެ ހިޓާޗީ ޒޯސެން ކޯޕަރޭޝަން އަދި ރިނިއުބަލް އެނަޖީ މޯލްޑިވްސްއިންނެވެ.

އެމްޑަބްލިޔުއެސްސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ. ހިޓާޗީ ޒޯސެން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މިޔާގީ ޓައިޔޯއެވެ. އަދި ރިނިއުބަލް އެނަޖީ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން ޑރ. އިބްރާހިމް ނާޝިދެވެ.

މި އެއްބަސްވުމުގެ ދަށުން ދުވާލަކު 500 ކިޔުބިކް މީޓަރުގެ ފެން އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ އާރުއޯ ޕްލާންޓެއް ބަހައްޓާނެއެވެ. މީގެ އިތުރުން 500 ކިލޯވޮޓްގެ ސޯލާ ޕީވީ ސިސްޓަމެއް ބެހެއްޓުމަށް ހަމަޖެހިފައިވާއިރު 1,450 ކިލޯވޮޓް ޕަ އަވަގެ ބެޓެރީ އެނަޖީ ސްޓޯރޭޖް ސިސްޓަމެއް އިންސްޓޯލް ކުރާނެއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ މި މަޝްރޫއުގެ ސަބަބުން ކުންފުނިން ދެމުން ގެންދާ ޔޫޓިލިޓީ ހިދުމަތް ފޯރުކޮށްދިނުމުގައި އަދި އޮޕަރޭޝަންތަކުގައި އިއާދަކުރެވޭ ހަކަތަ ބޭނުންކުރެވޭ މިންވަރު އިތުރުކުރުމާ އެކު ތެލަށް ބަރޯސާވާ މިންވަރު ކުޑަވެގެންދާނެކަމަށެވެ.

2030 ވަނަ އަހަރުގެ ކުރިން ރާއްޖެ ‘ކާބަން ނެޓް ޒީރޯ އެމިޝަންސް’ ކުރުމަކީ ދިވެހި ސަރުކާރުގެ އަމާޒެކެވެ.