English Edition
Dhivehi Edition

އައްޑޫސިޓީގެ ޓޫރިޒަމް ތަރައްޤީކުރުމަށް ކުރެވޭ ތަސައްވަރާއިގުޅޭގޮތުން ކައުންސިލުން ރައްޔިތުންނާއެކު ބޭއްވުމަށް ނިންމަވާފައިވާ ބައްދަލުވުންތަކުގެ ތެރެއިން ފުރަތަމަ ބައްދަލުވުން މިރޭ މާލޭގައި ދިރިއުޅޭ އައްޑޫގެ ރައްޔިތުންނާއެކު ބާއްވައިފިއެވެ.

މިއީ މިސަރުކާރުގެ ވަޢުދުނާމާގެ ތެރޭގައި އައްޑޫގެ ޓޫރިޒަމަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވައި ގިނަ ވައުދުތަކެއްވެ އެކަންކަން ހަގީގަތަކަށް ހެދުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން އައްޑޫގެ ކަންކަންރޭވިފައިވާ ގޮތް ރައްޔިތުންނާ ހިއްސާކޮށް ޚިޔާލު ހޯދައި، ރައްޔިތުން ވީހާވެސް ބޮޑަށް ބައިވެރިކޮށްގެން މަސައްކަތް ކުރިއަށް ގެންދިޔުމުގެ މަޤްޞަދުގައި ބާއްވާ ބައްދަލުވުންތަކެއްކަމަށް އައްޑޫސިޓީ ކައުންސިލުން ވިދާޅުވެއެވެ.

މާލޭގައި ދިރިއުޅޭ އައްޑޫގެ ރައްޔިތުންނާއެކު ބޭއްވިމި ބައްދަލުވުން އޮތީ މިރޭ 20:30 ގައި މާބަލް ހޮޓެލްގައެވެ. އައްޑޫގެ ޓުއަރިޒަމާއި ގުޅޭ ދެވަނަ ބައްދަލުވުން ހުޅުދޫ އަދި މީދޫގެ ރައްޔިތުންނާ އެކު އޮންނާނީ މިމަހުގެ 15 ވަނަ ދުވަހު އަތޮޅު މަދުރަސާގައެވެ. މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ރައްޔިތުންނާ ބައްދަލުކުރުންސެޕްޓެމްބަރ 16 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ހިތަދޫގެ ރައްޔިތުންނާ ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވަނަ ދުވަހު ޝަރަފުއްދީން ސްކޫލުގައެވެ.

އައްޑޫސިޓީގެ ކައުންސިލް ހުރިހާ މެމްބަރުން މާލެއަށް ކުރައްވަމުން ގެންދަވާ ދަތުރު ގައި އިއްޔެ ވަނީ ޓުއަރިޒަމް މިނިސްޓަރާއެކުވެސް ބައްދަލުވުމެއް ބާއްވާފައެވެ. އެބައްދަލުވުމުގައި ހަންކެޑެ ސަރަހައްދު އިންޓަގްރޭޓެޑް ޓޫރިޒަމް ސަރަހައްދެއްގެ ގޮތުގައި ތަރައްޤީކުރުމާއި ގެސްޓްހައުސް ވިޔަފާރިއަށް ބިން ދޫކޮށް އާންމުންނަށް ހުޅުވާލުމާއި އެތެރޭގެ އުދުހުންތަކުގެ އަގުތައް ފަތުރުވެރިންނަށް ކުޑަކޮށްދިނުމަށް މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ.

އެބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވަނީ އައްޑޫގެ ޓުރިޒަމް ތަރައްޤީކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ވާހަކަ ތަކުރާރުކުރައްވާ އެކަންކަމުގެ އަމަލީ މަސައްކަތް ފެށުމުގެ އުފާވެރި ޚަބަރު ވަރަށް އަވަހަށް ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރައްވާނެކަމަށް ވިދާޅުވެފައެވެ.