ޓެރަރިޒަމްގެ ކުށުގެ ތުހުމަތުވާ މީހުން ކޯޓު އަމުރަކާ ނުލާ ހައްޔަރުކޮށް، ފާސްކުރުމުގެ ބާރު ދިނުމަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާޙެއް ހުށަހަޅަން ނިންމައިފިއެވެ.
ދައުރުން ބޭރުން މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާ އަށް ސަރުކާރުގެ ފަރާތުން ހުށަހަޅަން ތައްޔާރުވެފައިވާ ބިލްގައި ވަނީ މިހާރުގެ ގާނޫނުގައި ޓެރަރިޒަމް މާނަ ކޮށްފައިވާ ވަރަށް ވުރެ ފުޅާކޮށް ޓެރަރިޒަމް މާނަ ކޮށްފަ އެވެ. އެގޮތުން ވަކި ސިޔާސީ، ދީނީ ނުވަތަ ހައްދުފަހަނައެޅި ވިސްނުމެއް ކުރިއެރުވުމަށްޓަކައި ނުވަތަ ވަކި ފިކުރެއް ކުރިއެރުވުމަށްޓަކައި މީހުންނަށް ގެއްލުން ދިނުމުގެ އަމަލުތަކެއް ހިންގުން ވަނީ ޓެރަރިޒަމްގެ ގޮތުގައި މާނަކޮށްފައެވެ
އެ އިސްލާހުގެ ދަށުން ފުލުހުންނަށް ލިބިގެންދާ ބާރުތަކުގެ ތެރޭގައި އެފަދަ ކަންކަން ކުރާ މީހުން ކޯޓު އަމުރަކާއި ނުލާ ހައްޔަރު ކުރުމުގެ ބާރާއި، އެފަދަ މީހުން ކޯޓަށް ނުގެންގޮސް 48 ގަޑިއިރު ބަންދުގައި ބެހެއްޓުމުގެ ބާރު ހިމެނެ އެވެ. އަދި ޓެރަރިޒަމްގެ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރުކުރުމަށް، ކޯޓް އަމުރެއް ނެތި ފުލުހުންނަށް އަމިއްލަ ތަންތަނަށް ވަދެވޭ ގޮތަށް ވެސް އެ އިސްލާހުގައި ހިމަނާފައި ވެއެވެ.
ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލުގައި ވާގޮތުން އެ ގާނޫނުގެ ދަށުން ހައްޔަރުކުރެވޭ މީހުންގެ ތަހުގީގު 45 ދުވަހުގެ ތެރޭގައި ނިންމައި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަންޖެހޭނެ އެވެ. އަދި ޕީޖީ އޮފީހަށް ފޮނުވާތާ 15 ދުވަހުގެ ތެރޭގައި ދައުވާ އުފުލަން ވާނެކަމަށް ހިމަނާފައިވެއެވެ.
މި ބިލު ހުށަހެޅުމަށްޓަކައި އެމްޑީޕީން އެދިގެން މާދަމާ ހެނދުނު މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެ ޖަލްސާ އޮންނާނީ ހެނދުނު 10:00 ގައެވެ.