ޔޫތު މިނިސްޓަރު މަހުލޫފުގެ މަންމަގެ އަތްދަބަސް ފޭރިގަނެފި
1 މަސް ކުރިން
އައިޝާ މުޙައްމަދު

ލޮނުޒިޔާރަތް މަގުގައި ހުންނަ އިހުސާނު ފިހާރަ ކައިރިން ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފުގެ މަންމަގެ އަތްދަބަސް މިއަދު ހެނދުނު ފޭރިގަނެފި އެވެ.
ފުލުހުން ބުނީ މިއަދު 09:37 ހާއިރު ބަންގުލަދޭޝް އެމްބަސީ ކައިރިން އަންހެނެއްގެ އަތްދަބަސް ފޭރިގަތް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި ދަބަސް ފޭރިގަތީ ސައިކަލެއްގައި ދިޔަ ދެމީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފޭރިގަނެފައި ވަނީ މިނިސްޓަރު މަހްލޫފުގެ މަންމަގެ އަތް ދަބަސް ކަން އޭއޯ ނިއުސްއަށް ވަނީ އެނގިފައެވެ..

Advt

Advertisement

މިއަދު ހެނދުނު 8.30 އެހަަކަށްހާއިރު ކަލާފާނު ސްކޫލު ކައިރިން ވެސް އަންހެނެއްގެ އަތުގައި އޮތް ވޮލެޓެއް ފޭރިގަތް މައްސަލަ ހުށަހެޅިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ..

އެކަން ވެސް ކުރީ ސައިކަލެއްގައި ދިޔަ ދެމީހެއް ކަމަށް ފުލުހުން ބުނެ އެވެ. އެ ދެ މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް ފޭރުމުގެ 338 މައްސަލަ ހުށަހެޅިފައި ވެއެވެ. މިދިޔަ އަހަރު ހުށަހަޅާފައި ވަނީ އެފަދަ 537 މައްސަލަ އެވެ