English Edition
Dhivehi Edition

ފެލިދޫ ބަނދަރުގެ މަސައްކަތް މި އަހަރު ފެށޭވަރުވާނެކަމަށާއި އިންޖީނުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފައްޓަވައި އަންނަ އަހަރުގެ ތެރޭގައި ނިންމެވުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙު މިހެން ވިދާޅުވީ އެމަނިކްފާން، ފެލިދެ އަތޮޅު ފެލިދޫ ކައުންސިލަރުންނާ ބައްދަލުކުރައްވައި ރަށުގެ އެކި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވަވަމުންނެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ފެލިދޫ ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި ރަށުގެ ތަރައްޤީއަށް ބޭނުންވާ އެންމެ މުހިންމު ޕްރޮޖެކްޓްތަކާއި ބައެއް ޚިދުމަތްތައް ރަނގަޅުކުރުމާއި ރައްޔިތުންގެ ކަންބޮޑުވުންތައް ހިމެނެއެވެ. އެގޮތުން ކައުންސިލަރުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމާއި، ނަރުދަމާ ނިޒާމުގަ ހުރި މައްސަލަތަކާއި ޞިއްޙީ ދާއިރާއިން ޚިދުމަތުގެ ފެންވަރު މަތިކޮށް ޚިދުމަތް ފުޅާކުރުމަށް ކުރަންހުރި ކަންކަމާ އަދި ކުނީގެ މައްސަލައާ ރަށުގައި ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑެއް އޮތުމުގެ މުހިންމުކަން ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުން ވެސް ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ޙައްލު ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ލާމަރުކަޒީ ޤާނޫނަށް ގެންނަ ބަދަލުތަކާއެކު މީގެ ތެރެއިން ގިނަ ކަންކަން ހައްލުކުރުމަށް މަގުފަހިވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.