English Edition
Dhivehi Edition

ޖުޑިޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) ގެ މެމްބަރުކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ހައްދުންމަތި ކަލައިދޫ، އީރާފް އަލްއުސްތާޛު ޢަލީ ޝަރީފް ޢައްޔަން ކުރައްވައިފިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާ ގެ އޮފީހުގައި މިކަމަށްޓަކައި އޮތް ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ، އަލްއުސްތާޛު ޢަލީ ޝަރީފް، ޖޭއެސްސީގެ މެމްބަރުކަމުގެ މަޤާމަށް ހަމަޖެއްސެވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ރ) އާއި، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ 4 ވަނަ ނަންބަރުގައިވާ ގޮތުގެމަތީންނެވެ.

ޖޭއެސްސީގެ މެންބަރުކަމުގެ ހުވައި، އަލްއުސްތާޛު ޢަލީ ޝަރީފް، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. އަލްއުސްތާޛު ޢަލީ ޝަރީފަށް ހުވައިލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދެވެ.

މިރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ، އަލްއުސްތާޛު ޢަލީ ޝަރީފާ ވަނީ ޙަވާލުކުރައްވައިފައެވެ.