English Edition
Dhivehi Edition

ކިންގް ޢަބްދުލްޢަޒީޒު ޤުރްއާން މުބާރާތުގެ ފަނޑިޔާރުކަން ކުރެއްވުމަށް ޝައިޚް އިލްޔާސް ޙުސެއިން ފުރާ ވަޑައިގެންފިއެވެ. މިއީ ސަރުކާރުން ކުރެއްވި މަސައްކަތުން ދިވެއްސަކަށް މިފަދަ މުބާރާތެއްގައި ފަނޑިޔާރުކަން ކުރެއްވުމަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރުކަން ފާހަގަ ކުރައްވާކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވަނީ ވިދާޅުވެފައެވެ.

މިމަހުގެ ހަތަކުން 11 އަށް މައްކާގައި ބާއްވާ 41 ވަނަ ކިންގް އަބްދުލްއަޒީޒް އިންޓަނޭޝަނަލް ޤުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލު ކުރަނީ ބ.އޭދަފުށި ޖަންބުމާގެ، މުޙައްމަދު މުސްތަފާ އާއި ތ. ގުރައިދޫ އިރުދޭމާގެ، ޙަސަން އާހިލްއެވެ. މިދެކުދިންގެ ތެރެއިން މުޙައްމަދު މުސްތަފާއަކީ ޤުރުއާން ހިތުދަސްކޮށް ހާފިޒު ކަމުގެ ސަނަދު ހޯދާފައިވާ ކުއްޖެކެވެ. އޭނާ ވަނީ މީގެ ކުރިން ވެސް ބައިނަލްއަގްވާމީ މުބާރާތްތަކުގައި ރާއްޖެ ތަމްސީލު ކޮށްދީފައެވެ. އޭގެތެރޭގައި ރޯދަމަހު ކުރީކޮޅު ދުބާއީގައި ބޭއްވި މުބާރާތާއި މިދިޔަ އަހަރު މިސްރުގައި ބޭއްވި މުބާރާތް ހިމެނެއެވެ. މުބާރާތުގައި ދެން ރާއްޖެ ތަމްސީލު ކުރާ އާހިލް އަކީ އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ގްރޭޑް 10ގައި ކިޔަވަމުން އަންނަ ދަރިވަރެކެވެ. މި ދެދަރިވަރުންވެސް މިހާރުވަނީ މައްކާއަށް ދިއުމަށް ފުރާފައެވެ.