English Edition
Dhivehi Edition
4ވަނަ ޓީޗާސް ކޮންފެރެންސް ގެ ތެރެއިން

އަންނަ ބުދަ ދުވަހު އައްޑޫސިޓީގައި ފަށާ ބައިނަލް އަޤްވާމީ މުދައްރިސުންގެ މަހާސިންތާވެގެންދާނީ ބައިވެރިންނަށް އަގުހުރި ފައިދާ ތަކެއް ލިބިގެންދާނެ ކަމެއް ގެ ގޮތުގައެވެ. ބައިވެރިން ތައްޔާރުކުރާ ޖުމްލަ 98 ކަރުދާހެއް ހުށަހެޅިގެންދާއިރު ކޮންމެ ބައިވެރިއަކުވެސް އެބައިވެރިއަކު ހުށަހަޅާ ކަރުދާސް ޕްރެޒެންޓް ކުރުމަށްޓަކައި ހުނަރުތަކެއް ހޯދާ ދަސްކުރާނެއެވެ. ކޮމްޕިއުޓަރ ޕްރޮގްރާމްތައް ބޭނުންކޮށްގެން ހަދާފައިވާ ފެންވަރު ރަނގަޅު ޕްރެޒެންޓޭޝަނެއް އެކުލަވާލުމަކީވެސް ބައިވެރިން އިސްކަންދީފައިވާ ކަމެކެވެ. މިއީ މުދައްރިސުންގެ ޤާބިލް ކަމާއި ކުޅަދާނަ ކަން ވަޒަން ކުރުމުގައިވެސް ބަޔަކަށް ލިބޭނެ ފުރުސަތަކަށް ވާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

“ކުރީ ގަ ޕްރައިމަރީ ޓީޗިން ހަދާލީމަ ޓީޗަރަކަށް ކޮލިފައިވީ.އެކަމަކު މިހާރު، “ޕީއެޗްޑީ” ހެދިޔަސް މިކަހަލަ އެކެޑެމިކް ޙަރަކާތް ތަކުން އެނގިގެންދަނީ އެމީހާގެ މޮޅުކަމާއި ހުނަރުވެރިކަމާއި ޢިލްމީ ޤާބިލްކަން.އެހެންނޫނީ ބަޔަކު ބަލައެއް ނުގަނޭ އެކަންކަމެއް.” ތަޢުމީލީ ދާއިރާގައި ދިގުމުއްދަތެއް ހޭދަކުރެއްވި ބޭފުޅަކު ވިދާޅުވިއެވެ.

ތެދެކެވެ. އެހުށަހެޅޭ އެއްޗަކާމެދު އެމީހާ ހޯދާފައިވާ ހޯދުންތަކާ ކުރި ދިރާސާއާއި އެމީހާގެ ޤާބިލްކަމާއި ހުނަރުވެރިކަން މި މަހާސިންތާއިން އަޑުއަހާމީހުންނަށް ވަރަށް ރަނގަޅަށް ވަޒަން ކުރެވިގެން ދާނެއެވެ.

އެންއައިއީ ގެ ބޭފުޅުން ސްޕޮންސަރުންނާއެކު

މި ކޮންފަރެންސް ގެ ބައިވެރިންނަށް “ވޯލްޑް ކްލާސް ޕަބްލިކޭޝަން” އެއް ލިބުމަކީ އާދައިގެ ކަމެއް ކަމަކަށް ނުބެލެވޭނެއެވެ. ރާއްޖެއަކީ ފޮތް ލިއުމުގެ އާދަ ވަރަށް ފަނޑުކޮށް އޮންނަ ބައެއް ދިރި އުޅޭތަނެކެވެ. ދިވެހި ބަހުގެ ފޮތްތައް މަދު ކަމުގެ ވާހަކަ އެއްކައިރި ކުރުމަށް ފަހު އެހެން ބަހަކުންވެސް އެއްޗެއް ލިޔެ ޗާޕްކޮށްލާނެ ބަޔަކު ނުވާކަން މިއީ ޤަބޫލު ކުރަން ޖެހޭނެ ޙަޤީޤަތެކެވެ. “ރާއްޖޭގައި ނޯވޭ ޕަބްލިޝް ކުރުމުގެ ކަލްޗަރ އެއް. އަސްލު އޮތް އިޝޫއަކީ އެހެން ބަހަކުންވިޔަސް ދިވެހިން ލިޔާ ގިނަފޮތްތަކެއް ނެތްކަން.” އެންއައިއީއިން ވާހަކަ ދެއްކި ބޭފުޅަކު ވިދާޅުވިއެވެ. މި ކޮންފަރެންސް ގެ ބައިވެރިންނަށް ލިބިގެންދަނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އާއި މުޅި ދުނިޔެއަށް މަޝްހޫރު ކޭމްބްރިޖް ޔުނިވާސިޓީ ޕްރެސް ގެ ނަމުގައި، އެހުށަހަޅާ ކަރުދާސްތައް ޗާޕުވެގެން ދިއުމެވެ.