ރާއްޖެއަށް ވަގަށް ވެހިކަލް އެތެރެކުރާ މައްސަލަ ބަލައި ތަހުގީގު ކުރަން ނިންމާފައިވާކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާން މިއަދު ވިދާޅުވެއްޖެ އެވެ.
ނުއުމާން މިހެން ވިދާޅުވީ އޭނާ ކުރެއްވި ޓުވީޓެއްގައި އެވެ. ނުއުމާންގެ ޓުވީޓުގައި ވިދާޅުވީ ވަގަށް އެތެރެކުރާ ވެހިކަލް ތަކުގެ މައްސަލަ ތަހުގީގު ކުރިއަށްދާއިރު ނުބަލާ އެއްވެސް ކަމެއް ދޫނުކޮށްލާނެ ކަމަށެވެ. އަދި އެކަމުގެ މައުލޫމާތު ސިއްރު ނުކުރާނެ ކަމަށް ވިދާޅުވި އެވެ.
މިދިޔަ ހަފްތާގެ ތެރޭގައި ވެސް ވަނީ ދެ ކޮންޓެއިނާގެ ވެހިކަލް ރާއްޖެ އެތެރެކޮށްފައެވެ. ރާއްޖެއަށް ވަގަށް އެތެރެކުރި ކޮންޓެއިނާތަކުގެ ތެރޭގައި ތިން ކާރާއި ދެ ޕިކަޕާއި ދެ ވޭނާއި ސާދަ ސައިކަލު ވަނީ އަތުލާފައެވެ.
ނުއުމާން އިތުރަށް ވިދާޅުވީ ރާއްޖެއަށް އެތެރެކުރާ ވެހިކަލް ތަކުގެ މައްސަލަ ކަމާބެހޭ ފަރާތްތަކާއި އެކު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.