English Edition
Dhivehi Edition

އައްޑޫސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން މުޅި ސިޓީގެ ހުރިހާ ތަނެއް ސާފުކުރުމަށްޓައި އިޖްތިމާޢީ ސާފު ކުރުމުގެ ނަމުގައި ޚާއްސަ ޙަރަކާތެއް ހިންގައިފިއެވެ. މިއަދު ހެނދުނު 6.30 ން ފެށިގެން 9.30 ހާ ހަމަށް ހިންގި މިޙަރަކާތުގައި ސިޓީގެ ވަރަށް ގިނަ ޢަދަދެއްގެ ޢާއްމުންނާއި އަމިއްލަ ޖަމާޢަތްތަކާއި ސަރުކާރުގެ މުއައްސަސާތަކުން ވަނީ ބައިވެރި ވެފައެވެ.

މިއަދު ކުރިއަށް ދިޔަ ޙަރަކާތުގައި ހިތަދޫ ޑޭޒީ މަގުން ފެށިގެން ނޭޗަރ ޕާކާއި ހަމަޔަށް ސާފު ކުރި ޓީމް ތަކުގެ ތެރޭގައި އުތުރު ސައުފު، ދިރާގު، ކްލަބް ރިވެރިން،ސަންރައިޒް،ބީޓެކް،ވެށި ސައުފު،ޒެފިއަރ،މޯލްޑިވްސް ލައިފް ގާޑް އެސޯސިއޭޝަން،އަދި އައްޑޫ ނޭޗަރ ޕާކްގެ ޓީމް ހިމެނެއެވެ.

ޑޭޒީ މަގުން ފެށިގެން ދެކުނަށް ލިލީ މަގާއި ހަމަޔަށް ސާފުކޮށްފައިވަނީ ނޫރާނީ ސްކޫލް،ޖޭސީއައި،އުރީދޫ،ހިތަދޫ އަވަށުއޮފީހުގެ މުވައްޒަފުން އަދި ކައުންސިލްއިދާރާގެ ހިތަދޫއަށް ނިސްބަތްވާ މުވައްޒަފުންނެވެ.

ހިތަދޫގެ އެހެން ސަރަޙައްދުތައް ސާފު ކުރުމުގައި ޙަރަކާތްތެރިވި ޓީމް ތަކުގެ ތެރޭގައި ހިރާ ސްކޫލް، ބޭންކް އޮފް މޯލްޑިވްސް ،އައްޑޫ ފްރެންޑްސް،ހިތަދޫ ޕޯޓް ލިމިޓެޑް، އަދި ހިތަދޫ ސްކޫލް ހިމެނެއެވެ. އަދި މީގެ އިތުރުން ފެނަކަ ކޯޕަރޭޝަން އާއި މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީގެ ހިތަދޫ ކެމްޕަސް އާއި ހޮސްޕިޓަލާއި އަދި ޝަރަފުއްދީން ސްކޫލާއި އައްޑޫ ހައި ސްކޫލުން ވަނީ ހިތަދޫގެ ބޮޑު ސަރަޙައްދެއް ސާފުކޮށްފައެވެ.

މަރަދޫއާއި މަރަދޫ ފޭދޫގައި ކުރިއަށް ދިޔަ ސާފުކުރުމުގެ ޙަރަކާތުގައި ބައިވެރިވެފައި ވަނީ އެދެ އަވަށުން ކައުންސިލް އިދާރާއަށް ނިސްބަތްވާ މުވައްޒަފުންނާއި ދެ އަވަށުގެ އަވަށު އޮފީހާއި ،މަރަދޫ ސްކޫލާއި އިރްޝާދިއްޔާ ސްކޫލާއި އަދި ވޭވް ސައުންޑުންނެވެ.

ފޭދޫގައި ވެސް ސާފު ކުރުމުގެ ޙަރަކާތް ކުރިއަށް ދިޔައެވެ. ފޭދޫގައި ހިންގި މި ޙަރަކާތުގައި ބައިވެރިވެފައިވަނީ ފޭދޫ ސްކޫލާއި އަވަށު އޮފީހާއި، އީކުއޭޓަރ ވިލެޖް ގެ އިތުރުން ކައުންސިލް އިދާރާގެ ފޭދޫއަށް ނިސްބަތްވާ މުވައްޒަފުންނެވެ.

އައްޑޫސިޓީގެ ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް ވަނީ ސާފު ކުރުމުގެ މި ޙަރަކާތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކުރައްވަފައެވެ. އޭނާ ވައިބާ މެދުވެރިކޮށް ފޮނުއްވި ކުރު މެސެޖްގައި ވާ ގޮތުން ވަރަށް ވަގުތު ކުޑަކޮށް އޮތްވާވެސް އަންގާލި އެންގެވުމަށް އިޖާބަ ދެއްވައި އެންމެން ނިކުމެ ހިންގާފައިވަނީ ވަރަށް ކާމިޔާބު ޙަރަކާތެއް ކަމަށާއި އެހެންކަމުން މިފަދަ އެއްބައިވަންތަކަމަކާއެކު އަޅުގަނޑުމެންނަށް އައްޑޫސިޓީ އަކީ ސާފު ތަނަކަށް ހެދިދާނެ ކަމަށް ވިދާޅުވެފައި ވެއެވެ.

ސާފު ކުރުމުގެ ޙަރަކާތެއް އައްޑޫގައި މިބޭއްވުނީ އައްނަ ސެޕްޓެމްބަރ 4 ން 5 އަށް އައްޑޫސިޓީގައި ބާއްވާ މުދައްރިސުންގެ މަހާސިންތާގެ ބައިވެރިންނަށް މަރްޙަބާ ކިއުމުގެ ގޮތުން ރަށް ޒީނަތްތެރިކުރުމަށް ހިންގާ ޙަރަކާތެއްގެ ގޮތުގައެވެ.