English Edition
Dhivehi Edition
މަދިރިން ރައްކާ ހަރަކާތް ނައިބު ރައީސް ހުސެއިން މުޙައްމަދު ލަތީފް ފައްޓަވައިދެއްވަނީ. ފޮޓޯ: ހެލްތް މިނިސްޓްރީ

“މަދިރިން ރައްކާ” ގެ ނަމުގައި މަދިރި އާއި މަދިރި އުފެދޭ ތަންތަން ނައްތާލުމަށް ހިންގާ ޤައުމީ ހަރަކާތް ފަށައިފިއެވެ. މި ހަރަކާތް ރަސްމީކޮށް ފައްޓަވައިދެއްވީ މިއަދު ހެނދުނު ހުޅުމާލެ ފޭސް އެކެއްގެ ރިވެލި ޕާކުގައި އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ނައިބު ރައީސް ހުސެއިން މުޙައްމަދު ލަތީފެވެ.

“މަދިރިން ރައްކާ” ކެންޕޭނަކީ ސިއްހީ ވުޒާރާއާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީއާއި ގުޅިގެން އާބަންކޯއިން ގައުމީ ފެންވަަރެއްގައި ކުރިޔަށް ގެންދާ ޙަރަކާތެކެވެ. މިއަދު ހެނދުނު މި ކެމްޕޭން އިފްތިތާޙު ކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ގެ އިތުރުން ހެލްތު މިނިސްޓަރު ޑރ.އަބްދުﷲ ޚަލީލްއާއި އެންވަޔަރްމެންޓް މިނިސްޓަރު ޠާރިޤް އިބްރާހީމްވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

މިޙަރަކާތް ފައްޓަވައި ދެއްވުމަށްފަހު ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި މަދިރީގެ ޒަރިއްޔާއިން ޖެހޭ ބައެއް ބަލިތައް ރާއްޖެއިން ނައްތާލެވިފައި ވީނަމަވެސް ފައިލޭރިއާ ފަދަ ބަލިތަކުގެ ކޭސްތަކެއް އަލުން ފެނުމަކީ ރައްޔިތުންގެ ކަންބޮޑުވުން އޮންނަންވާނެ ކަމެއް ކަން ފާހަގަ ކުރެއްވިއެވެ.

އަދި ސަރުކާރުގެ މުއައްސަސާތަކާއި އާންމު މަދަނީ ޖަމްއިއްޔާތަކާއި ރައްޔިތުން ގުޅިގެން މިފަދަ ކެމްޕެއިނެއް ފެއްޓުމަކީ ރައްޔިތުންނަށް ހިތްހަމަޖެހުން ގެނެސްދޭނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިރަސްމިއްޔާތުގައި ހެލްތް މިނިސްޓަރ ޑރ ޢަބްދުﷲ ޙަލީލްވެސް ވަނީ ވާހަކަފުޅުދައްކަވައިފައެވެ. ޑރ ޙަލީލް ގޮވާލެއްވީ މިއަދު މި ކެމްޕެއިން ފެށިނަމަވެސް ކޮންމެ ދުވަހަކީ ވެސް މަދިރި ނައްތާލަން މަސައްކަތް ކުރާ ދުވަހަކަށް ހެއްދެވުމަށެވެ.

“މަދިރިން ރައްކާ” ކެމްޕެއިނުގެ ދަށުން ހުޅުމާލެ ސާފުކުރަން ހަމަޖެހިފައިވަނީ 15 ޓީމަކަށް ބަހައިލައިގެންނެވެ. އެގޮތުން، މި ހަރަކާތުގެ ތެރެއިން ފޭސް 1 އާއި 2 ގައި ހުރި މަދިރި އާލާވާ ސަރަހައްދުތައް ދެނެގަނެ އެފަދަ ތަންތަން ސާފުކުރުން ހިމެނޭކަމަށް އާބަންކޯއިން މައުލޫމާތުދީފައިވެއެވެ.މީގެ އިތުރުން ފައިލޭރިއާ ފެތުރުން ކޮންޓްރޯލް ކުރުމުގެ ގިނަ މަސައްކަތްތަކެއް އާބަންކޯ އާއި ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކާއި ގުޅިގެން އަންނަނީ ކުރަމުންނެވެ. އެގޮތުން މި މަހުގެ ތެރޭގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން 60 ޓަނުގެ ކުނި ނަގައި ސާފްކޮށްފައިވެއެވެ.

އަދި ފައިލޭރިއާ ފެތުރުން ހުއްޓުވުމަށް މަސައްކަތް ކުރުމަށް ހާއްސަ ޓާސްކްފޯސް އެއް އެކުންފުނިން ވަނީ އެކުލަވާލެވިއިފައެވެ. މީގެ އިތުރުން އާބަންކީގެ އިންސްޕެކްޝަން ޓީމުން ހުޅުމާލޭގެ އެކި ސަރަހައްދުތައް ބަލާ މަދިރި އާލާވާ ފަދަ 200 އަށްވުރެ ގިން ތަންތަން ފާހަގަކޮށް، އެ ތަންތަނަށް ކެމިކަލް އެޅުމުގެ މަސައްކަތާއި ހުޅުމާލޭގެ އެކި ސަރަހައްދަށް މަދިރި ދުން ޖެހުމުގެ މަސައްކަތް ގެންދަނީ ކުރިޔަށެވެ.

ހަމަމިއާއެކު މިކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ ތަފާތު ހަރަތްތައްވެސް ކުރިއަށް ގެންދިއުމަށް ވަނީހަމަޖެހިފައެވެ. އެ ހަރަކާތުގެ ދަށުން ހުޅުމާލޭގެ އިތުރުން ގުޅީފަޅު އަދި ތިލަފުށީގައިވެސް ސާފުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އާބަންކޯ އިން ބުނެއެވެ.

މި ހަރަކާތަކީ ހެލްތު މިނިސްޓްރީ އާއި ސަރުކާރުގެ ހުރިހާ މިނިސްޓްރީތަކާ ކުންފުނިތަކާއި އަމިއްލަ ޖަމިއްޔާތައް ގުޅިގެން މަދިރިން ރައްކާތެރިވުމަށް މުޅި ރާއްޖޭގައި ހިންގާ ސާފުކުރުމުގެ ކެމްޕެއިނެކެވެ. މާލެ ސަރަހައްދުގެ އިތުރުން މިހަރަކާތް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.