ސުޕްރީމްކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ގެ މައްޗަށް ތުހުމަތުތައް ކޮށް އޭނާ ސުޕްރީމްކޯޓުގެ ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގައި ވޯޓެއް ނަގައި ދީދީ އިއްޔެ ފަނޑިޔާރު ކަމުން ވަކިކޮށްފައި ވާއިރު ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީ އާއި މަޖިލީހުން އަމަލު ކުރާ ގޮތުން ޑިއު ޕްރޮސެސްގެ އުސޫލު ގެއްލިފައިވާ ކަމަށް ޑރ. މުހައްމަދު ޖަމީލު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ނައިބު ރައީސްކަން ވެސް ކުރައްވާފައިވާ ޑރ.ޖަމީލް މިގޮތައް ވިދާޅުވީ އޭނާ ކުރެއްވި ޓުވީޓެއްގައި އެވެ.
“ފަނޑިޔާރުން ވަކިކުރުމުގައި ޖޭއެސްސީ/މަޖިލީހުން އަމަލުކުރާ ގޮތުން ޑިއު ޕްރޮސެސް ގެއްލިއްޖެ. ޤާނޫނުއަސާސީގައިވާ ގޮތާ ހިލާފަށް ފަނޑިޔާރުން ވަކިކުރުމުން ޤާނޫނުން ލިބޭ ރައްކާތެރިކަން ގެއްލޭ. ޖޭއެސްސީ ސިޔާސީ ވެފައިވާއިރު މަޖިލީހުން ބަލަނީ ޤާނޫނުއަސާސީއާ ހިލާފަށް ކަން ކުރަން ފަހިކުރަން” ޑރ. ޖަމީލް ގެ ޓުވީޓުގައި ވިދާޅުވިއެެވެ.
ސުޕްރީމްކޯޓުގެ ފަނޑިޔާ ކަމުގައި ހުންނެވި އަބްދުﷲ ދީދީ ފަނޑިޔާރު ކަމުން ވަކިކުރުމަށް އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުން 72 މެންބަރަކު ދީދީ އެ މަގާމުން ވަކިކުރުމަށް ވޯޓު ދެއްވާފައި ވެއެވެ.
ދީދީ ސުޕްރީމްކޯޓުގެ ފަނޑިޔާރު ކަމުން ވަކިކުރިއިރު އޭނާގެ މައްސަލައެއް ޖުޑިޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) އިން ވަނީ ބާލާފައެވެ. އަދި ޖޭއެސްސީގެ ރިޕޯޓު ގައި ބުނީ ދީދީ، ފަނޑިޔާރުކަމުގެ މަގާމުގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު ތަކުގެ ތެރެއިން ނުވަ މިންގަނޑަކާ ޚިލާފުވެފައިވާ ކަމަށެވެ.
ދީދީ ފަނޑިޔާރުކަމުން ވަކިކުރި ސަބަބުތައް
ފަނޑިޔާރުންގެ ކިބައިގައި ހުންނަންޖެހޭ އަހުލާގީ ފެންވަރު ނެތުން
ނުފޫޒުތަކުގެ ދަށުވުން
ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވިޔަ ދިނުން
ފަނޑިޔާރުންގެ ހުންނަންޖެހޭ ތެދުވެރި ކަމާއި އިހުލާސްތެރިކަން އަދި އަމާނާތްތެރިކަން
ޝަރީއަތާއި ގުޅުވައި މަންފާތަކެއް ހޯދުން
ދީދީގެ ގޮނޑި ގެއްލުމުން ސުޕްރީމްކޯޓަށް އިތުރު ފަނޑިޔާރަކު އައްޔަން ކުރާނެއެވެ. މިހާރު ވެސް ދަނީ ސުޕްރީމްކޯޓަށް އިތުރުކުރި ދެ ފަނޑިޔާރުންގެ ގޮނޑިއަށް ދެ ބޭފުޅުން އައްޔަން ކުރަން މަސައްކަތްތައް ކުރަމުންނެވެ. ރައީސް ވަނީ ދެ ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައެވެ.