ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ލަފަޔަކަށް އެދިވަޑައިގެން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ދެބޭފުޅުން އެ މަގާމަށް އައްޔަންކުރަން ފެންނަ ކަމަށް ޖޭއެސްސީން ލަފާ ދީފިއެވެ.
މިއަދު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައި ޖޭއެސްސީން ބުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެކަމަށް ކުރިމަތިލެއްވި ފަރާތްތަކާއި އަދި ރައީސް ސޯލިހު ފޮނުއްވި ދެ ނަންފުޅު ދިރާސާ ކުރުމަށް އެކުލަވާލި ކޮމެޓީ މިއަދު ބޭއްވި ކޮމިޝަނުގެ ޖަލްސާއަށް ބަލައިގެންފައިވާ ކަމަށެވެ. ކޮމިޝަނުގެ ރައީސް އަލްއުސްތާޒު އަބްދުﷲ އަރީފް ރިޔާސަތު ބެލެހެއްޓެވި މި ޖަލްސާގައި ނިންމާފައިވަނީ މ. ކޮކާހަނދުވަރުގެ، އާއިޝާ ޝުޖޫން މުހައްމަދާއި، މ. ސީނާ، ޑރ.އަޒްމިރަލްދާ ޒާހިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ފެންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށެވެ. މި ނިންމުމާ އެއްގޮތަށް މިހާރު ރައީސަށް ލަފާ އަރުވާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.
ރައްޔިތުން މަޖިލީހުގެ ކުރީގެ ރައީސް އަހުމަދު ޒާހިރުގެ ދަރިކަނބަލުން އަޒްމިރަލްދާއަކީ އިނގިރޭސިވިލާތުން ގާނޫނީ ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އަޒްމިރަލްދާވަނީ ހައިކޯޓުގެ ފަނޑިޔާރުކަންވެސް ކުރައްވަވާފައެވެ. ޝުޖޫނަކީ މީގެކުރިން ސިވިލް ކޯޓުގެ ގާޒީކަންވެސް ކުރެއްވި ބޭފުޅެކެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ހައި ކޯޓުގެ ހަތަރު ފަނޑިޔާރަކު ވެސް ހިމެނިވަޑައިގަނެއެވެ. އެއީ ފަނޑިޔާރު އަލީ ސަމީރާއި، ފަނޑިޔާރު އަބްދުﷲ ހަމީދާއި، ފަނޑިޔާރު މުހައްމަދު ނިޔާޒާއި، ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޝުޖޫނާއި އަޒްމިރަލްދާ އައްޔަންކުރުމަށް ޖޭއެސްސީގެ ލަފަޔަކަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތީ މިމަހުގެ 22 ވަނަ ދުވަހުއެވެ. އެ ދެބޭފުޅުން އައްޔަންކުރަން ފެންނަ ކަމަށް ޖޭއެސްސީން މިއަދު ރައީސަށް ލަފާދީފައިވާއިރު، އަންހެން ބޭފުޅުން ފަނޑިޔާރުކަމަށް އައްޔަންކުރުމާމެދު ދީނީ އިލްމުވެރިންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ޚިޔާލުތަފާތުވުން އުފެދިފައެވެ. އަދި ވަރަށް ގިނަ އިލްމުވެރިން ވަނީ މިކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ