English Edition
Dhivehi Edition
މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (މާޕް)ގެ ފަރާތުން އިންތިޒާމުކޮށްގެން އައްޑޫސިޓީގައި ކުރިއަށް ގެންދިޔަ “އެޗް އާރު ބެސްޓް ޕްރެކްޓިސް ޝެއަރ” ސެޝަން ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
މިއަދު އީކުއޭޓަރ ވިލެޖްގައި ކުރިއަށް ގެންދިޔަ 2 ގަޑި އިރުގެ މި ސެޝަނުގައި އައްޑޫގެ އެކިއެކި މުއައްސަސާތަކުން ގާތްގަނޑަކަށް 130 ފަރާތަކުން ވަނީ ބައި ވެރިވެފައެވެ.
ހިއުމަން ރިސޯސް ނުވަތަ އެޗްއާރު ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށާއި ލީޑަރުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދިޔަ މި ސެޝަނުގައި ވާހަކަ ދައްކަވަމުން މާޕްގެ ރައީސް އަދި ލަކްސް ރިސޯޓްގެ ރީޖަނަލް ޑައިރެކްޓަ ޓްރެއިނިން އެންޑް ޑިވެލޮޕްމަންޓް ހުސައިން އަފީފް ވިދާޅުވީ މާޕުގެ ފަރާތުން އައްޑޫގައި ބޭއްވި ފުރަތަމަ ޕްރޮގްރާމަށް ލިބުނު ތަރުހީބަށްޓަކައި އުފާކުރައްވަވާ ކަމަށެވެ. އަދި މުސްތަގުބަލުގައި މިފަދަ ގިނަ ޕްރޮގްރާމުތައް އައްޑޫއަށް ގެނައުމަށް މާޕުން މަސައްކަތް ކުރައްވަވާނެ ކަަމަށް އަފީފް ވިދާޅުވިއެވެ.
އަފީފް ވިދާޅުވީ އައްޑޫގައި ލީޑަރޝިޕް ކޮންފަރެންސެއް ބޭއްވުމުގެ ވިސްނުން ގެންގުޅުއްވަވާ ކަމަށާއި އެފަދަ ޕްރޮގްރާމެއް ވަރަށް އަވަހަށް އައްޑޫއަށް ގެނެވިދާނެ ކަމަށެވެ.
މާޕުގެ ބެސްޓް ޕްރެކްޓިސް ޝެއަރ ސެޝަނުގައި އަލިއަޅުވާލާފައިވަނީ ޗޭންޖް މެނޭޖްމަންޓް އެންޑް މައިންޑްސެޓް، ޑިސިޕްލިނަރީ ޕްރޮސީޖަރ އާއި ހިއުމަން ރިސޯސް ޕްރޮފެޝަނަލް އެކަންތަކާއި ގުޅުވައި ގައިޑް ކޮށްދޭނެ ގޮތާއި ބެހޭ ގޮތުންނެވެ.
ސެޝަނުގެ ސްޕީކަރުންގެ ގޮތުގައި ހެޑް އޮފް އެޗްއާރު ބިޒްނަސް- ބެންކް އޮފް މޯލްޑިވްސް އަޙްމަދު އިބްރާހިމް އާއި ޖެނެރަލް މެނޭޖަރ -އެޗް އާރު ޔުނިވަރސަލް އެންޓަރޕްރައިސަސް އަލީ އާދަމް ވަނީ ބައިވެރިންނަށް މައުލޫމާތު ދެއްވަވާފައެވެ.
މީގެ އިތުރުން މަސައްކަތުގެ ދާއިރާގައި ދިމާވާ ޖިންސީ ފުރައްސާރައާއި ޖިންސީ ހަމަހަމަކަމާއި އަދި މިކަންތައްތަކަށް ހޭލުންތެރިކުރުމާ ބެހޭ ގޮތުން ޕެނެލް ޑިސްކަޝަނެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މާޕް އަކީ ހިއުމަން ރިސޯސްގެ ދާއިރާއަށް މީހުން ހޭލުންތެރިކޮށް މީހުން ބިނާކުރަން މަސައްކަތް ކުރުމަށް ރާއްޖޭގައި އުފެދުނު ފުރަތަމަ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ މައިގަނޑު މަގްސަދަކީ އެޗްއާރ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ތަފާތު ގޮތްގޮތުން އެހީތެރިވެ އެފަރާތްތަކަށް ބޭނުންވާ ފަހުގެ ރިސޯސްތައް ހޯދުމަށް އެހީތެރިވެދިނުމާއި ދާއިރާއާއިގުޅޭ ބޭރުގެ ފަރާތްތަކާ ގުޅުން ބަދަހި ކުރެވި މައުލޫމާތު ބަދަލުކުރެވޭނެ މަގުތައް ފަހިކޮށްދިނުމެވެ. މާޕުން އައްޑޫގައި ކުރިއަށް ގެންދިޔަ މި އިވެންޓްގެ ކޯ ހޮސްޓިން ޕާޓްނަރ އަކީ އީކުއޭޓަރ ވިލެޖެވެ. އެންޖީއޯ ސަޕޯޓް ޕާޓްނަރ އަކީ ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) އެވެ. މީޑިއާ ޕާޓްނަރ އަކީ އޭއޯ ނިއުސް އެވެ.