English Edition
Dhivehi Edition
މާޕްއިން މި އަހަރު ކުރިއަށް ގެންދިޔަ އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯގެ ތެރެއިން:ފޮޓޯ -މާޕް

މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (މާޕް) އިން މުޅިން އަލަށް ދޭން ފަށާ މާޕްގެ ފުރަތަމަ “މާޕް އެޗް އާރ އެކްސެލެންސް އެވޯޑްސް” މިމަހުގެ (ޖުލައި މަހުގެ) 24 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ.

މާޕްގެ ރައީސް އަހުމަދު އިބްރާހީމް ވިދާޅުވީ އެވޯޑްތަކަށް އެޕްލިކޭޝަން ހުށަހެޅުމަށް 2023 ވަނަ އަހަރު އާންމުކޮށް ހުޅުވާލާ، އިވެލުއޭޓް ކޮށްނިމި، އެވޯޑް ދިނުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުންދާކަމަށެވެ.

އެވޯޑް ތަކުގެ އިތުރު ތަފްސީލް ދެއްވަމުން އަހުމަދު ވިދާޅުވީ އިންޑިވިޖުއަލް ކެޓަގަރީން ތިން އެވޯޑަކާއި އޮގަނައިޒޭޝަނަލް 7 އެވޯޑެއް ދެވިގެންދާނެ ކަމަށެވެ. އެގޮތުން މީހުން ބިނާކުރުން، އިނޮވޭޝަން އެންޑް އެކްސެލެންސް، ވެލްބީން، އޮގަނައިޒޭޝަނަލް ކަލްޗަރ، ޓެކްނޮލޮޖީ އެންޑް ގޮރޯތް ހިމެނޭނެ ކަމަށް އަޙްމަދު ވިދާޅުވިއެވެ.

“މާޕް އެޗް އާރ އެކްސެލެންސްއެވޯޑް” ގެ މަގްޞަދާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އަޙްމަދު ވިދާޅުވީ އެޗް އާރ ޕްރޮފެޝަނަލުން އެ ކުރައްވާ މަސައްކަތް ތަކުގެ އަގު މިގޮތަށް ދެވޭ އެވޯޑަކުން އެންމެ ފުރިހަމައަށް އަދާނުކުރެވޭނެ ކަމާއި މިކަމުގެ ސަބަބުން ޒުވާނުން އެޗްއާރ ދާއިރާއަށް ވަނުމަށް އިތުރަށް ޝައުގުވެރިވާނެ ކަމަށް އުންމީދު ކުރައްވަވާ ކަމަށެވެ.

“މި އެވޯޑަށް ރާއްޖޭގެ އެކި ހިސާބުތަކުން ކުރިމަތިލީ ފަރާތްތަކަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން. އަދި ކުރިޔަށް އޮތް ތަނުގައި މިހާރަށް ވުރެ ގިނަ ފަރާތްތަކުން އެވޯޑް ތަކަށް ކުރިމަތިލާ، ފުޅާ ދާއިރާއެއްގައި އެވޯޑްތައް ދެވިގެންދާނެކަމަށް އުންމީދު ކުރަން” މާޕްގެ ފުރަތަމަ އެޗް އާރ އެކްސެލެންސް އެވޯޑްސްއާއި ބެހޭގޮތުން މައުލޫމާތު ދެއްވަމުން ރައީސް އަޙްމަދު ވިދާޅުވިއެވެ.

މި އިވެންޓަކީ މިގޮތަށް އެޗް.އާރ ޕްރޮފެޝަންލުންގެ އަގުވަޒަންކުރުމަށް ބޭއްވޭ އެންމެ ބޮޑު އިވެންޓް ކަމަށް ވާއިރު އުންމީދަކީ ނެޝަނަލް ލެވްލް އެއްގައި ބަލައިގަނެވޭނެ އެވޯޑްތަކަކަށް މުސްތަޤުބަލުގައި މި އެވޯޑްސް ތައް ވެގެން ދިއުން ކަމަށާއި މިކަމުގެ ސަބަބުން ކުންފުނިތަކާއި ޖުމްލަކޮށް ހުރިހާ އިދާރާއެއްގައިވެސް އިންސާނީ ވަސީލަތް ތަރައްގީކޮށް ބިނާކުރުމަށް އިތުރު މަސައްކަތްތަކެއް ފަށާނެކަމަށް އުންމީދު ކުރާ ކަމަށްވެސް އަހުމަދު ވިދާޅުވިއެވެ.

މާޕް އަކީ ހިއުމަން ރިސޯސްގެ ދާއިރާއަށް މީހުން ހޭލުންތެރިކޮށް މީހުން ބިނާކުރަން މަސައްކަތް ކުރުމަށް ރާއްޖޭގައި އުފެދުނު ފުރަތަމަ ޖަމިއްޔާއެވެ. ޖަމިއްޔާގެ މައިގަނޑު މަގްސަދަކީ އެޗްއާރ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ތަފާތު ގޮތްގޮތުން އެހީތެރިވެ އެފަރާތްތަކަށް ބޭނުންވާ ފަހުގެ ރިސޯސްތައް ހޯދުމަށް އެހީތެރިވެދިނުމާއި ދާއިރާއާއި ގުޅޭ ބޭރުގެ ފަރާތްތަކާ ގުޅުން ބަދަހި ކުރެވި މައުލޫމާތި ބަދަލުކުރެވޭނެ މަގުތައް ފަހިކޮށްދިނުމެވެ. އެގޮތުން ޖަމިއްޔާ އުފެދުނުތާ 6 އަހަރު ވެފައިވާ އިރު، ދާއިރާއާއި ގުޅުންހުރި ތަފާތު ގިނަ ކާމިޔާބު ޕްރޮގްރާމްތަކެއް ވަނީ ހިންގާފައެވެ.

މާޕްއިން ވޭތުވެދިޔަ އަހަރު ތަކުގައި ބޭއްވި ޚާއްސަ ހަރަކާތްތަކުގެ ތެރޭގައި ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަސްޓަމަރ އެކްސްޕީރިއަންސް ކޮންސަލްޓަންޓް، ރޮން ކޮފްމަން ލައިވް އިން މޯލްޑިވްސްގެ ދެ އިވެންޓްގެއިތުރުން ހަތަރު އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯ އަދި ލާނިންގ އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސް 4 ފަހަރެއްގެ މަތިން ބާއްވާފައިވެއެވެ. އޭގެ އިތުރުންވެސް ދުނިޔޭގެ މަޝްހޫރު ސްޕީކާރ ރޮބިން ބޭންކްސް ލައިވް އިން މޯލްޑިވްސް އިވެންޓް އަދި ނޮލެޖްޝެއާ ސެޝަންތައް ކާމިޔާބުކަމާއެކު ބާއްވާފައިވެއެވެ.