English Edition
Dhivehi Edition
ސްޕްރީމް ކޯޓ: މިހާރު ފޮޓޯ

ރާއްޖޭގެ ސުޕްރީމްކޯޓުގައި ތިއްބަވާ 5 ފަނޑިޔާރުންގެ ބެންޗަށް އިތުރު ދެ ފަނޑިޔާރުން އިތުރުކޮށް ޤާނޫނު އިސްލާހުކޮށްފައިވާއިރު އެ ދެ މަގާމަށް އައްޔަން ކުރަށްވާ ދެ ފަނޑިޔާރުންނާ މެދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފައަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފި އެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ޖޭއެސްސީގެ ލަފަޔަކަށް އެދިވަޑައިގެންނެވުމުން ޖޭއެސްސީގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ، ސުޕްރީމް ކޯޓަށް އައްޔަންކުރައްވާ ފަނޑިޔާރުންގެ ނަންތަކާ ގުޅޭގޮތުން ރައީސް ލަފަޔަކަށް އެދިވަޑައިގެންފައިވާތީ އެކަމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.

ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ އަދަދު ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން ނަގާ ވޯޓަކުންނެވެ. ސުޕްރީމްކޯޓުގައި 5 ފަނޑިޔާރުން މިހާރު ތިއްބަވާއިރު ފަނޑިޔާރުންގެ އަދަދު 5 ކުން 7 ކަށް ބަދަލުކޮށްފައި ވަނީ މިދިޔަ މަހުގައެވެ.

ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އާއި ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދުގެ އިތުރުން ފަނޑިިޔާރު އަބްދުﷲ އަރީފް އެވެ.