English Edition
Dhivehi Edition

(ނޮވެމްބަރު 30، 2015 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

 

ދުވަހުގެ އިރުއޮއްސިގެން ދިޔައީ ލީޒާއެކަަމަށް އެދިއެދި ހުންނަތާ އެތައް އިރެއް ވީ ފަހުންނެވެ.

ބަޔަކު ސަލާން ގޮވާލި އަޑަށް އިންތިޒާރުގައި ހުރި ލީޒާ ދުވެފައި ބޭރަށް ނިކުތެވެ. ދެވަނަ ސިކުންތުގައި އޭނާގެ މޫނުމަތީގެ ކުލަވަރަށް ކުޑަ ނަމަވެސް ބަދަލެއް އައީ އުއްމީދު ކުރެވުނު ގޮތާ ޚިލާފަށް، އޮފީހުގައި އުޅޭ މޫސަ ވެސް ފަތީނާ އެކު އައުމުންނެވެ.

“ކޮބާ ލީޒާ..ސައި ތައްޔާރުތަ؟” ފަތީން އޭނާގެ ސަމާސާ މޫޑުގައި ބުނެލިއެވެ.

“އާނ..ކިތަންމެ އިރެއްނު…ހިނގާ ޖޯލިފައްޗަށް ދަމާ ދޯ” ލީޒާ އެމީހުންނަށް މަގު ދައްކަމުން ކުރިއަށް ހިނގައިގަތެވެ.

ބިޔަ އަނބުގަހުގެ ހިޔަލުގައި ހުރި ޖޯލިފަތީގައި “ހުވަނދުމާ ސައިގެ” މީރު ރަހައިގެ ޖާދޫގައި ގިނަ އިރުތަކެއް އެމީހުން ހޭދަކުރިއެވެ. ހުނުމާއި މަޖަލުގައެވެ. އެކަކު އަނެކަކަށް ދިމާކޮށް، އޮފީހުގައި އުޅޭ އިރު ކުރާ މަޖަލުގެ ވާހަކަ ދެއްކުމުގައެވެ.

ޖެހިގެން އައިދުވަހުގެ ހެނދުނު އޮފީސް ހުޅުވުމާއެކު މުޅި އޮފީހުގައި އެއް ވާހަކައަކަށް އޮތީ ރޭގައި ބަޔަކަށް ދެވުނު “ހުވަނދުމާ ސައި” ގެ ތާޒާ ޚަބަރެވެ. އޭރު ފަތީނު އަދި އޮފީހަކަށް ނާދެއެވެ. އެހެންކަމުން މިއީ މޫސަގެ ކަމެއްކަން ލީޒާއަށް ވިސްނުނެވެ. އޮފީސް މީހުންގެ ދިމާކުރުންތަކުން ލީޒާއަށް ލިބެމުން ދިޔައީ ހިތްގައިމު މީރުކަމެކެވެ. އެގޮތަށް ފަތީނާ ގުޅުވައިގެން ދިމާކުރުމުން ލީޒާއަށް އުފާވެރިކަން އިހުސާސް ކުރެވެމުން ދިޔައެވެ.

އަޅުވައި ކިޔުމަކީ ސިހުރެކޭ ބުނާ އުސޫލުން “ހުވަނދުމާ ސައި” ގެ މީރުކަމުގައި ފަތީނު ކޮންމެ ރެއަކުހެން ލީޒާގެ ގެއަށް ދިއުން އާދައަކަށް ހަދައިފިއެވެ. ކުރީކޮޅު މޫސައާ ދެމީހުން އެކީގައި އައިނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ލީޒާގެ ގޭގެ އެންމެންނާ ފަތީނު އާ ރައްޓެހިކަން އުފެދި ،އެރައްޓެހިކަމުގައި ޖެހިލުމެއް ނެތި އެގެއަށް ދިއުން ފަތީނު އާދައަކަށް ހެދިއެވެ. އެކަމާ ލީޒާވެސް ނުހަނު އުފާވެއެވެ.

އޮފީހުގައި ކުރަމުންގެންދިޔަ ސަމާސާ ދިމާކުރުންތަކަށް ނިމުމެއް ގެނައީ ލީޒާއާއި ފަތީނުގެ ދައުވަތު ކާޑާ އެކުގައެވެ. އުފާވެރިކަމާއެކު ކުރެވުނު ކައިވެންޏަކީ ދެފަރާތުގެ އާއިލާއާއި އެކުވެރި ގާތް ރަހުމަތްތެރިން ވެސް އެކަމަކަށް ހިތްހަމަޖެހި އުފަލާއެކު ކުރެވުނު ކައިވެންޏެކެވެ.

ކައިވެންޏަށް ފަހު މާ ގިނަ ދުވަސްތަކެއް ނުވެ އެމީހުންގެ އަލަތު ދަރިފުޅަށް ލީޒާ ބަލިވެ އިނެވެ. އޭރު އެމީހުން ދިރިއުޅެމުން ގެންދިޔައީ ފަތީނުގެ މައިންބަފައިންގެ ގޭގައެވެ. އާދައިގެ ކުޑަގޮތަކަށް ހަދާލާފައި ހުންނަ އެގޭގެ ކުޑަކުޑަ ކޮޓަރިއެއްގައި ތިބެން ޖެހުނު ނަަމަވެސް އެމީހުން ތިބެނީ އުފަލުންނެވެ. އުފާވެރި ކައިވެންޏަކުން ލިބެން އުޅޭ އަލަތު ދަރިފުޅުގެ އިންތިޒާރުގައި އެދެމީހުން ދުވަސްތައް ގުނާލަގުނާލާ ތިއްބެވެ.

ފަތީނު ވީ، ލީޒާ އުއްމީދު ކުރި ވަރަށް ވުރެންވެސް މާ ރަނގަޅު ފިރިއަކަށެވެ. ތިމާއަށް އަޅާލާ ނުހަނު ލޯބި ފިރިއަކު ލިބިފައިވުމުން ލީޒާ ހުންނަނީ އުފަލުން ފޮޅިފައެވެ.

“ލީޝާ” އަކީ އެދެމީހުންގެ ޙަޔާތުގެ އުފާވެރި ބަގީޗާގައި ފޮޅުނު ފުރަތަމަ މަލެވެ. އަލަތު ދަރިފުޅާއެކު އުފަލުގައި ކުރިއަށް ގެންދިޔަ ޙަޔާތުގައި މާގިނަ ދުވަސްތަކެއް ނުވެ ދެވަނަ ކުއްޖަކުވެސް އެމީހުންނަށް ލިބުނެވެ. މިފަހަރު ފިރިހެންކުއްޖެވެ.

ކުދިން ލިބުމާއި ކައިވެންޏަށް ދުވަސްވީ ނަމަވެސް ލީޒާއާއި ފަތީނުގެ ލޯތްބަކަށް ކުޑަނަމަވެސް ބަދަލެއް ނާދެއެވެ. ފަތީނުގެ މައިންބަފައިންގެ ގޭގައި އެދެމީހުން ދިރިއުޅެމުން ދިޔައިރު ދެމީހުންވެސް އޮފީހުގައި ހޭދަކުރާ ވަގުތުތަކުގައި ފަތީނުގެ ދައްތަ، އެމީހުންގެ ކުދިން ބެލުމުގައި އެހީތެރިވެދެއެވެ. އޮފީހުން އައުމަށްފަހު ލިބޭ ހުރިހާ ވަގުތެއްހެން ފަތީނާއި ލީޒާ ހޭދަކުރަމުން ދިޔައީ ކުދިންނާއެކުގައެވެ.

އުފާވެެރިކަމާއި އޮމާން ކަމުގައި ހޭދަކުރަމުން އައި ދިރިއުޅުމުގައި އެންމެފުރަތަމަ ރާޅުބާނި އުފެދެން ފެށީ ވަޒީފާގައި ކުރިއެރުން ހޯދުމަށް އިތުރު ކޯހެއް ހަދަން ލީޒާ މާލެދާން ބޭނުންވި ހިސާބުންނެވެ. ކިޔެވުމަކީ ލީޒާ އަބަދުވެސް ކުރަން ބޭނުންކަމަކަށް ވުމާއެކު އޮފީހުން އޭނައަށް ލިބުނު މިފުރުސަތު ގެއްލުވާލާ ކަށް ބޭނުމެއް ނުވިއެެވެ. އެންމެ ފުރަތަމަ އޭނާ ބޭނުންވީ ފަތީނާއި އަދި ދެ ކުދިންނާއެކު މާލެ ބަދަލުވުމަށެވެ.

ނަމަވެސް މާލޭގައި ހުރުމާއި ކެއުމާއި ބުއިމުގެ އިތުރަށް އާމްދަނީ ހޯދުމަށް މަގުތަނަވަސް ވެފައި ނެތުމުގެ ސަބަބުން އެއީ ކުރެވޭނެ ކަމެއް ނޫންކަމަށް ފަތީނު ބުނެދިނެވެ. ތަފާތު އެކި ގޮތްގޮތަށް ބަދަލުކުރެވުނު ޚިޔާލަށްފަހު އެންމެ ފަހުން ނިމިގެން ދިޔައީ ކޯސް ފުރިހަމަ ކުރުމަށް ލީޒާ އެކަނި މާލެ ދިއުމަށެވެ. ކުދިން ފަތީނުގެ ދައްތަގެ ކައިރީގައި ތިބޭ ގޮތަށެވެ.

ލީޒާ ދެ އަހަރު ދުވަހުގެ ކޯހަކަށް މާލެ ފުރިއެވެ. ފަތީނު ވެސް އޭނާގެ ލޯބިވާ އަނބިމީހާގެ ކުރިއެރުމަށް ހުރަސް އަޅަން ބޭނުންނުވާތީ އެކަމަށް އެއްބަސްވީ ހިތްހަމަޖެހިގެން ހުރެއެވެ. ލިބޭ ޗުއްޓީތަކުގައި ލީޒާއަށް ރަށަށް އާދެވޭނެ ކަން ގަބޫލުު ކުރަމުންނެވެ. (ނުނިމޭ)