ފަތުރުވެރިންނަށް ޚާއްޞަކޮށްގެންގެން ރާއްޖޭގައި ގެސްޓްހައުސް ވިޔަފާރި ކުރަންފެށިތާ 12 ވަރަކަށް އަހަރު ވެފައިވާއިރު ގެސްޓް ހައުސް ވިޔަފާރި ވެފައި މިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އެންމެ ފަހުން ތަޢާރަފްވި އަދި ކާމިޔާބު މަސައްކަތެއްގެ ގޮތުގައެވެ. ވަކިން ޚާއްޞަކޮށް މާލެއާއި މާލެ ކައިރީގައިވާ ރަށްތަކުގައި މި މަސައްކަތް ވައިގައި ހިފާފައިވާއިރު ރާއްޖޭގެ ދެކުނުގެ އަތޮޅު ތަކުން ވެސް ގެސްޓު ހައުސްތައް ފެންނަ މިންވަރު އިތުރު އެމަސައްކަތް ކުރުމަށް ޝައުގުވެރިވާ މީހުން ފެންނަ އަދަދު ދުވަހެއް ދުވަހަކަށް މިދަނީ އިތުރުވަމުންނެވެ.
2008 ވަނަ އަހަރު ރާއްޖެއަށް ގެސްޓް ހައުސް ތައާރަފްކޮށް މާލެއަތޮޅު މާފުށީގައި ހުޅުވި ގެސްޓްހައުސް އާއެކު މީހުން އުޅޭ ރަށްތަކުގައި މި ވިޔަފާރި ފުޅާ ވެގެން ދިޔައެވެ. ނަމަވެސް މާލެއާއި މާލެ ކައިރި ރަށްރަށުގައެވެ. ދެކުނުގެ ސަރަހައްދަށް މި މަސައްކަތް ގެނެސް ދެކުނުގެ ރަށްތަކުގެ ރީތިކަމާއި ރަށްފުށު ދިރިއުޅުމާއި އާދަކާދަޔާއި، ސަޤާފަތާއި، އަދި ދިވެހިން ކެއިން ބުއިމުގައި ބޭނުންކުރާ ބާވަތްތައް ތަޖުރިބާ ކުރުމެގެ ފުރުސަތު ފަހިކޮށް ދިނުމަށް ވިޔަފާރިވެރިން ތިބީ ޖެހިލުން ވެފައެވެ. ސަބަބަކީ ދެކުނަށް ފަތުރުވެރިން އަންނާނެ ފަސޭހަ ވަސީލަތެއް ނެތުމެވެ. މާލެއަށް އަންނަ ފަތުރުވެރިޔާ ބޮޑު އަގުގައި ދެކުނަށް އަންނަން ބޭނުންނުވުމެވެ. އަދިވެސް މިފަދަ ކިތަންމެ ގޮންޖެހުމެކެވެ.
މިހުރިހާ ގޮންޖެހުމަކާ ކުރިމަތި ލަމުން ދެކުނުގައި އެންމެ ފުރަތަމަ ރަޖިސްޓަރޓް ގެސްޓް ހައުސް އެއް ހުޅުވައި މި ސަރަހައްދު ފަތުރުވެރިންނަށް ހުޅުވާލީ މީދޫ ޗާމިން ހޮލިޑޭ ލޮޖް އިންނެވެ. ގިނަ ދުވަހު ރިސޯޓުތަކުގައި މަސައްކަތް ކޮށް ދާއިރާގެ ތަޖުރިބާ ލިބިފައިވާ އަޙްމަދު ހާމިދުގެ ޗާމިން ހޮލިޑޭ ލޮޖް ގެސްޓު ހައުސް އަކީ މި މަސައްކަތުގެ ފެށުމެވެ.
“ވަރަށް ގިނަ ބަޔަކު ބުނި އައްޑޫގައި ތި މަސައްކަތް ނުކުރެވޭނެ އޭ. އެކަމަކު ބޭނުންވީ ޗެލެންޖާ ކުރިމަތިލާން. ދާއިރާއިން ލިބިފައިހުރި ތަޖުރިބާއާއި އެވަގުތު އަތްމަތީގައި އެއްކުރެވިފައި ހުރި ފައިސާއިން އަމިއްލަ ގޯތީގައި 4 ކޮޓަރީގެ އިމާރާތެއް އަޅައި އެތަން ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީ ކުރީ. 2013 ވަނަ އަހަރު ޗާމިން ހޮލިޑޭ ލޮޖް ރަޖިސްޓްރީ ކުރި އިރު މިތަނަކީ އެއީ ދެކުނުގައި ވެސް އެންމެ ފުރަތަމަ ރަޖިސްޓްރީކުރި ގެސްޓް ހައުސް” އޭއޯ ނިއުސް އަށް ދިން ޚާއްޞަ އިންޓަވިއުއެއްގައި ހާމިދު ކިޔައި ދިނެވެ.
ގެސްޓް ހައުސް ވިޔަފާރިއަކީ ޖުމްލަކޮށް އަގުހެޔޮ ވިޔަފާރިއަކަށްވެފައި މި ވިޔަފާރިއާއެކު ކުޑަ ބަޖެޓަކުން ޗުއްޓީ ހޭދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ލިބިފައިވީ ނަމަވެސް މާލެއަންނަ ފަތުރުވެރިޔާ އައްޑޫއަށް ގެނައުން ހާމިދަށް ވެސް ވެގެން ދިޔައީ ދިމާވި ޗެލެންޖަކަށެވެ.
” ދަތުރުފަތުރުގެ މައްސަލަ އެންމެ ބޮޑަށް ދިމާވީ. މާލެއަންނަ ފަތުރުވެރިޔާ އަލުން 500ޑޮލަރު ޚަރަދުކޮށްގެން އައްޑޫއަށް އަންނާކަށް ބޭނުމެއް ނުވޭ. މަޝަހޫރު ޓްރެވެލް ސައިޓްތައްކަމަށްވާ ބުކިން ޑޮޓް ކޮމް، ޓްރިޕް އެޑްވައިޒަރ , އަގޯޑަރ، މެދުވެރިކޮށް ޗާމިން ހޮލިޑޭ ލޮޖް ރިޒަވޭޝަންހެދޭނެ ގޮތް ހަމަޖެއްސިން. އެކަމަކު ކޮންމެ މީހަކުވެސް ކުރަން ޖެހޭ އިތުރު ޚަރަދުގެ ސަބަބުން އަންނަން ބޭނުން ނުވެފަ ތިބީ” ހާމިދުގެ މަސައްކަތުގައި ދިމާވި ގޮން ޖެހުންތައް ކިޔައިދިނެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ޅަފަތުގައިވާ ބާވަތް ކަމަށްވާ ގެސްޓް ހައުސް ވިޔަފާރި އައްޑޫއަށް ގެނައުމަށް ހާމިދު ކުރަމުން ދިޔަ މަސައްކަތުގައި އައްޑޫއަށް އައި ފުރަތަމަ ފަތުރުވެރިޔަކީ ސްވިސް ގެ އަންހެން ފަަތުރުވެރިއެކެވެ. އޭނާ އައްޑޫއަށް އައީ ހިތަދޫ އާގަލާ ބޯޓުގައި ކަނޑުމަގުންނެވެ.
“ރައްޓެއްސަކު ގުޅާފައި ބުނީ އެބަހުއްޓޭ ގެސްޓެއް. ބޭނުންހެއްޔޭ. ފުރަތަމަ ހީކުރީ މަޖަލަކަށް ބުނާ އެއްޗެއް ކަމަށް. އެކަމަކު އާގަލާ ގައި ހުވަދު އަތޮޅަށް އައިސް އެ ރަހުމަތްތެރިޔާ މެދުވެރިކޮށް ގެސްޓް މީހާއާއި ވާހަކަ ދެއްކުމުން އެނގިއްޖެ މިއީ ހަގީގަތެއްކަން. އެހާ ހިސާބުން އޭނާ އަންނަންވާއިރަށް ތައްޔާރުވީ” ހާމިދުގެ މަސައްކަތް ހިނގައިގަތް ހިސާބަކީ އެއީއެވެ. އޭގެ ފަހުން ރަސްމީ ދަތުރުތަކުގައި އައްޑޫއަށް އަންނަ ޑެލިގޭޝަން ތަކާއި އެކިދައުރުގެ ވެރިނާއި މިނިސްޓަރ ލެވެލް ގެ ބޭފުޅުން ފަށައިގެން ޗާމިން ހޮލިޑޭ ލޮޖް ބުކް ކޮށް އެތަނުން ދިޔައީ ޚިދުމަށް ހޯދަމުންނެވެ.
ފަތުރުވެރިންނަށް ޚާއްޞަކޮށްގެން ވިޔަފާރި ކާމިޔާބު ކަމާއެކީ ކުރުމުގައި ދިމާވި އެއާފެއަރ ގެ މައްސަލަ ހައްލު ކުރެވޭތޯ ހާމިދުވަނީ ގިނަ މަސައްކަތް ތަކެއް ކޮށްފައެވެ. އެކި ދުވަސްތަކުގައި ޗާމިން އަށް ޒިޔާރަތް ކުރައްވާ އެކިފެންވަރުގެ ވެރިންނަށް ދަންނަވައިގެންނާއި މޯލްޑިވިއަންގެ އިސް ބޭފުޅުންނަށް ދަންނަވައިގެން ކުރެވުނު ބުރަ މަސައްކަތުން އެ އަދަދު ބޮޑުތަނުން ކުޑަވެގެން ދިޔައެވެ. އެއާއެކު ހާމިދުގެ “ޗާމިން” އަށް ދިރުން އައިސް ވިޔަފާރި ހަލުވި ކަމާއެކު ހިނގައި ގަތެވެ. މީގެ އިތުރުން ދެކުނުގެ އިތުރު ރަށްރަށުގައި ވެސް މި ވިޔަފާރިއަށް މީހުން ޝައުގުވެރިވެ އެމަސައްކަތުގައި ހިންދެމިލިއެވެ.
“އައްޑޫއަށް ބޭރުގެ އެއާލައިން ތަކަށް ގިނައިން އާދެވޭނަމަ ދެކުނުގައި މި ވިޔަފާރި ކާމިޔާބު ކުރެވޭނެ. ސްރީލަންކަން އެއާލައިންގެ ދަތުރުތައް އައްޑޫއަށް ފެށުމުން ވަރަށް ބޮޑަށް ވިޔަފާރި ރަނގަޅުވެގެން ދިޔަ. މީގެ އިތުރުން ދޭތެރެ ދޭތެރެއިން ފަތުރުވެރިން ގޮވައިގެން އަންނަ އެއާލައިން ތައް އައްޑޫއަށް އައުމަކީ ލިބޭ އިތުރު ކުރިއެރުމެއް” ހާމިދު ކިޔައިދިނެވެ.
ގިނަ ރިސޯޓުތަކެއްގައި ފްރޮންޓް އޮފީސް ދާއިރާގައި މަސައްކަތް ކޮށް އަދި ބޭރުގެ މަޝްހޫރު ސުޕަރ ޔޮޓް ތަކުގައި މަސައްކަތް ކޮށް ހާމިދު ވަނީ ދާއިރާއިން ގިނަ ތަޖުރިބާ ހާސިލްކޮށް ބޭރުގެ ގިނަ ގައުމުތަކުގައި މި މަސައްކަތް ކުރާގޮތް ދަސްކޮށްފައެވެ. އެހެންކަމުން އަމިއްލަ ގެސްޓްހައުސް އެއްފަށައިގެން ހިންގުން ހާމިދަށް މާ ބޮޑު ކަމަކަށް ނުވިއެވެ. ފުރަތަމަ ފަށައިގަތް އިރު ހުރިހާ މަސައްކަތެއް އަމިއްލައަށް ކުރި ނަމަވެސް މިހާރު ހާމިދާއެކު މަސައްކަތް ކުރާނެ ޓީމެއް އޮވެއެވެ. ގެސްޓް ހައުސް އަށް އަންނަ ފަތުރުވެރިން ގޮވައިގެން މަސްދަތުރުތަކުގައި ދިޔުމާއި ސްނޯކްލިން އާއި ރަށުގެ ޓުއަރ ފަދަ ކަންތައްތައް ކޮށްދެނީ ހާމިދު އަމިއްލައަށެވެ.
“މީދޫ އަދި ހުޅުދޫއަށް އަންނަ ފަތުރުވެރިޔާ އަށް މިތަނުން ތަފާތު ތަޖުރިބާ ކުރުމަށް ފުރުސަތު ލިބިގެން ދާނެ. ރަށުގެ ދެކޮޅުގައި ދެ ރިސޯޓު އޮތުމުން ކުޑަ އަގެއްގައި އެތަނުގެ ބީޗާއި ސުވިމިންޕޫލު ބޭނުންކޮށްލުމުގެ ފުރުސަތު ހޯދައިދެވޭ. އަދި ކޮމިޔުނިޓީ ތެރޭގައި މީހުންނާ ގުޅިގެން އެމީހުންގެ ދިރިއުޅުމާއި ސަގާފަތާއި ރަށްފުށުގެ ދިރިއުޅުން ތަޖުރިބާ ކޮށްލެވޭ. މިތަނަށް އަންނަ ފަތުރުވެރިން މިތަނުން ދަނީ ހިތްހަމަޖެހިގެން ތިބެ. އެއީ ލިބޭ ކާމިޔާބީ އަކީ” ހާމިދު ކިޔައިދިނެވެ.
އެންމެ 4 ކޮޓަރިއާއެކު ހާމިދު ފެށި މިމަސައްކަތް މިހާރުވަނީ އިތުރަށް ފުޅާކޮށްފައެވެ. ޗާމިންގެސްޓްހައުސް އަށް އަންނަ ގެސްޓުންނަށް ޚާއްޞަކޮށްގެން “ކެފޭ ޗާމިން” ގެ ނަމުގައި ގެސްޓް ހައުސްއާއި ގުޅުވައިގެން ހުޅުވި ކެފޭ އިން މީރު ކެއުން ލިބެން ހުރެއެވެ. ކެފޭގެ މަސައްކަތް ފެށުމުގެ ކުރިން ވެސް އެތަނުގައި ތިބޭ ގެސްޓުންނަށް ކެއުން ބުއިމުގެ އިންތިޒާމު ހާމިދު ހަމަޖައްސައި ދެމުން ދިޔައީ މީދޫގެ ރެސްޓޯރެންޓް ތަކާ ގުޅިގެންނެވެ. އެތަންތަނަށް އޯޑަރ ދީގެން ކާއެއްޗެތި ގެނެސްގެންނެވެ.
“ބޭނުންވީ ޗާމިން އަށް އަންނަ ގެސްޓު މީހާއަށް ބޭނުންވާ ހުރިހާ ޚިދުމަތެއް ފަސޭހަ ކަމާއެކު ލިބެން ހުރުން. ބޭރުގެ ފަތުރުވެރިންނާއި ދިވެހިން ވެސް މިތަނަށް އައިސްފައި އެނބުރިދާނީ ލިބޭ ޚިދުމަތާ މެދު އުފަލުން ހިތްހަމަ ޖެހިގެން ތިބެ. ” ހާމިދު ބުންޏެވެ.
ގެސްޓް ހައުސް އިތުރަށް ފުޅާކޮށް އިތުރު ކޮޓަރި އާއި އިންޑޯއަދި އައުޓްޑޯ ކެފޭ ގެ މަސައްކަތް ކުރަމުން ވިޔަފާރި ފުޅާ ކުރަމުން އަންނަ ހާމިދު ދެކެން ބޭނުންވާ ދުވަހަކީ ބަޖެޓް އެއާލައިން ތައް އައްޑޫއަށް ފެށޭނެ ދުވަހެކެވެ. އެއާއޭޝިއާފަދަ ފްލައިޓްތައް ފަތުރުވެރިންނަށް ޚާއްޞަކޮށްގެން އައްޑޫއަށް ފަށައިފިނަމަ ދެކުނުގެ ފަތުރުވެރިކަން މެކުހަށް ޖަހާނެ ކަން ހާމިދަށް ޔަގީން ކުރެވެއެވެ.
“އައްޑޫއަށް ގެސްޓުން ގެންނައިރު ބެޑް ކެޕޭސިޓީ އެވަރަށް ނެތޭ ބުނާ ވާހަކަ ގަބޫލެއް ނުކުރެވޭ. 4 ރިސޯޓާއެކު އެތަކެއް ގެސްޓް ހައުސްއެއް އައްޑޫގައި މިދަނީ ހިންގަމުން. ނުލިބެނީ ފަތުރުވެރިން. ބަޖެޓް ފްލައިޓަކުން އައްޑޫއަށް ސީދާ ދަތުރުތައް ފަށާ ހިސާބުން އެނގޭނެ މިއީ ހަގީގަތެއްކަން. މިތަނަށް އަންނަން ބޭނުންވާ ފަތުރުވެރިއަކަށް ބެޑް ނެތިގެން ނާދެވި ހުންނާކަށް ނުޖެހޭނެ. ސަރުކާރުން އެ ފުރުސަތު ފަހިކޮށްދޭންވީ. ދެކުނުގެ ގެސްޓްހައުސް ވިޔަފާރި ކުރިއަރާނީ އޭރުން” ހާމިދު ދެކޭގޮތް ކިޔައިދެމުން ބުންޏެވެ.
އައްޑޫއާއި އައްޑޫގެ ރީތިކަން ބޭރު ދުނިޔެއަށް އިޝްތިހާރުކޮށް އައްޑޫ ޕްރޮމޯޓުކުރުމަށް ގިނަ މަސައްކަތްތަކެއް އަމިއްލަ ރަށުގައި ހުރެގެން ކުރަމުން އަންނަ އެންމެންނާވެސް ގުޅޭ ހިތްހެޔޮ މިޒާޖުގެ ހާމިދު އަކީ އެންމެން ދަންނަ ނަމުންނަމަ “ޑޭޑް” އެވެ. ރަށުގެ ގިނަ ބަޔަކަށް ހާމިދު އެނގިފައި އޮންނަނީ ވެސް މި ނަމުންނެވެ.
ރާއްޖެއާއި ރާއްޖޭން ބޭރުގައި ވަޒީފާ އަދާކުރުމުގެ ގިނަ ފުރުސަތު ތަކެއް ފަހިވެފައިވީ ނަމަވެސް ހާމިދު ބޭނުންވަނީ އަމިއްލަ އުފަން ފަސްގަނޑަށް ޚިދުމަތް ކުރުމެވެ.
ކިތަންމެ ގިނަ ގެސްޓް ހައުސް އެއް ހުޅުވި ޚިދުމަތް ދޭން ފެށިނަމަވެސް “ޑޭޑް ގެ ޗާމިން ގެސްޓް ހައުސް” އަކީ އަދިވެސް ހަމަ ނަމްބަރު އެކެކެވެ!!