English Edition
Dhivehi Edition
ފޮޓޯ: ސޯޝަލް މީޑިއާ

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ގަފޫރު ޑޮކްޓަރަށް ދެއްކުމަށް މާލެ ގެންގޮސް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ގެން ދަނީ ފާޚާނާގައި އުޅުއްވަނިކޮށް ބޮލަށް ލިބުނު އަނިޔާއަކާއި ގުޅިގެން ކަމަށް ކަރެކްޝަންސް އިން ބުނެފިއެވެ.
ރޭގެ ވަގުތެއްގައި މާލެ ގެންގޮސް އައިޖީއެމް އެޗްގެ އޮބްޒަވޭޝަން ގައި އަދީބަށް ފަރުވާ ދެމުންދާއިރު ޝޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި އަދީބުގެ ނިތްކުރީގައި ވަނީ ގޮނބިލައިފައެވެ.

ކަރެކްޝަނުން ބުނީ އަދީބު ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އެމަނިކުފާނުގެ ނިތްކުރި ދުޅަވެފައި ހުރުމުން ކަމަށެވެ. އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން ފާޚާނާގައި އުޅުއްވަނިކޮށް ލިބުނު އަނިޔާއެއް ކަމަށް ވިދާޅުވެފައިވާ ކަމަށް ކަރެކްޝަނުގެ އޮފިސަރު މައުލޫމާތު ދެއްވިއެވެ. އަދި ފާޚާނާގައި ބޯ ޖެހުނު ގޮތުގެ އިތުރު ތަފްސީލެއް އަދީބު ހިއްސާ ކުރައްވާފައި ނުވާ ކަމަށް ވެސް އޮފިސަރު ވިދާޅުވިއެވެ.

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ވަނީ، ދައުލަތުން އިސްތިއުނާފުކޮށްފައިވާ ޅ. މާބިންހުރާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ކުރެއްދޫ ހޯލްޑިންގްސްއަށް ދިނުމުން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ދިން އަށް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލާގައި ޝަރީއަތުން ވަކިގޮތެއް ނިމެންދެން އޭނާ ބަންދު ކުރުމަށް އަމުރުކޮށްފައެވެ.

އަދީބުގެ މައްޗަށް އިއްވާފައިވާ 33 އަހަރުގެ ޖަލުހުކުމް ބާތިލްކޮށްފައި ވަނިކޮށް ޓަގު ބޯޓެއްގައި ގައުމުން ފިއްލަވައިގެން ވަޑައިގެން އުޅުއްވަނިކޮށް އިންޑިއާގެ ޓުރިކޮރިން ބަނދަރުން ވަނީ އަތުލައިގެންފައެވެ. އަދި އިންޑިއާ ސިފައިން އަދީބު ދިވެހި ފުލުހުންނާ ހަވާލުކުރުމުން އަނބުރާ ރާއްޖެ ގެނެސް، މިވަގުތު އަދީބު ހުންނެވީ އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދު ކޮށްފައެވެ.