އިނގިރޭސިވިލާތުގެ ކަނޑުގެ ސިފައިން ހިފި އީރާނުގެ ތެޔޮ ޓޭންކަރު ވަރަށް އަވަހަށް ދޫކޮށްލާނޭ ކަމަށް އީރާނުގެ ޕޯޓް އެންޑް މޭރީ ޓައިމް އޯގަނައިޒޭޝަންގެ ޑިޕިއުޓީ ހެޑް ޖަލާލް އިސްލާމީ ވިދާޅުވެއްޖެ އެވެ.
އީރާނުގެ ނޫސް ފަތުރާ އޭޖެންސީ އަކަށް މައުލޫމާތު ދެއްވަމުން ޖަލާލް އިސްލާމީ ވިދާޅުވީ އީރާނުގެ ތެޔޮ ޓޭންކަރު ގްރޭސް 1 ދޫކޮށްލަން އިނގިރޭސި ވިލާތުން މިހާރު ޝައުގުވެރިވާ ކަމަށެވެ. އެގޮތުން އެކަމާ ގުޅޭ ބައެއް ލިޔެކިޔުންތައް މިހާރު ދެ ޤައުމުން ބަދަލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވީ އެޤައުމުން އުއްމީދު ކުރަނީ ޓޭންކަރު ވަރަށް އަވަހަށް ދޫކޮށްލާނެ ކަމަށެވެ.
އީރާނުގެ ތެޔޮ ޓޭންކަރު ހިފަހައްޓާފައި ވަނީ މިދިޔަ މަހުގައެވެ. އިނގިރޭސިވިލާތުގެ ކަނޑުގެ ސިފައިން އެ ތެޔޮ ޓޭންކަރު ހިފަހައްޓާފައި ވަނީ ޔޫރަޕިއަން ޔޫނިއަން އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފަށް ސީރިއާ އަށް އެ ޓޭންކަރުން ތެޔޮ އުފުލާ ކަމަށް ތުހުމަތުކޮށްފަ އެވެ.
އީރާނުގެ ތެޔޮ ޓޭންކަރު ހިފަހައްޓާފައި ވީއިރު އީރާނުންވެސް ވަނީ އިނގިރޭސި ވިލާތުގެ ތެޔޮ ޓޭންކަރެއް ހިފަހައްޓާފައެވެ.