English Edition
Dhivehi Edition

މިނިވަން ކަޕްގައި މިރޭ ރިއަލް އޭޓީ އާއި ގައުމު އެފްސީ ބައްދަލުކުރި ފޯރިގަދަ މެޗު 5 ލަނޑު 4 ލަނޑުން ގައުމު އެފްސީ ކާމިޔާބުކޮށްފިއެވެ.

ދެ ޓީމުގެ ފަރާތުންވެސް ފޯރި ގަދަ މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ދިހަވަނަ މިނިޓްގައި ވިޝަލް ޖެހި ލަނޑާއެކު މެޗުގެ ފޯރި އިތުރަށް ގަދަވެފައިވަނިކޮށް މެޗުގެ ތޭރަވަނަ މިނިޓްގައި ގައުމު އެފްސީ އަށް ލިބުނު ހިލޭ ޖެހުމެއް ގޯލަށް އަމާޒުކޮށް އަކޫވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ލީޑް ފުޅާކޮށްފައެވެ.މެޗުގެ ވަރަށް ކައިރިކައިރީގައި ތަފާތު މޮޅު ގޯލުތަކެއް ފެނިގެން ދިޔައިރު މެޗުގެ ސޯޅަވަނަ މިނިޓްގައި ގައުމު އެފްސީގެ ކުޅުންތެރިއަކު ނަގައިދިން ބޯޅައެއް ވިޝަލްވަނީ ބޮލުންޖަހާ ގޯލަށް އަމާޒުކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފްގައި ގައުމު އެފްސީ އިން ގިނަ ވަގުތު ބޯޅަ ގެންގުޅެފައިވާއިރު ރިއަލް އޭޓީ އިން ވަނީ މެޗުގެ ނަތީޖާ ބަދަލުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މި ގޮތުން މެޗުގެ ސަތާރަވަނަ މިނިޓްގައި ރިއަލް އޭޓީގެ ރަމީޒް އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދިން އިރު ގައުމު އެފްސީގެ ވިޝަލް ގޯލަށް އަމާޒުކޮށް ފޮނުވާލި ބޯޅަ ދިފާއުކުރަން އުޅުމުގެ ތެރޭގައި ރިއަލް އޭޓީގެ ރަމީޒް ފައިންޖެހި ވަނީ ބައިކޮޅެއް ލަނޑެއް ވަދެފައެެވެ. މެޗުގެ އަށާރަވަނަ މިނިޓްގައި ސިޔާމް ރިއަލް އޭޓީ އަށް ލަނޑެއް ކާމިޔާބުކޮށްދިން އިރު ފުރަތަމަ ހާފް ނިމިގެން ދިޔައީ ހަތަރެއް ދޭއްގެ ނަތީޖާއިން ގައުމު އެފްސީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފްގައި ރިއަލް އޭޓީ އިން އެ ޓީމްގެ ކުޅުން ވަރުގަދަކޮށް ގިނަ ހަމަލާތަކެއް ވަނީ އުފައްދާފައެވެ. މި ގޮތުން މެޗުގެ ދެވަނަ ހާފްގައި އެ ޓީމުން ދެ ލަނޑު ޖަހާފައިވާއިރު ގައުމު އެފްސީ އިން ޖެހި ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ ވިޝަލް އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ގައުމު އެފްސީގެ ވިޝަލް އެވެ.

މި މުބާރާތުގެ ގުރޫފް ސްޓޭޖްގައި ދެން ގައުމު އެފްސީ ބައްދަލުކުރާނީ ވައިކިންގްސް އާއެވެ.