މިނިވަންކަޕް 2019 ގައި އެންމެ ޒުވާން ކުޅުންތެރިން ހިމެނޭ ޓީމްގެ ގޮތުގައި ފާހަނގަކުރެވިފައިވާ ވައިކިންގްސް މުބާރާތުން ކަޓުވާލުމަށް ފަހު ރިއަލް އޭޓީއިން މިރޭގެ މެޗު ކާމިޔާބުކޮށްފިއެވެ.
އުމުރުން އެންމެ ހަނގު ގިނަ ކުޅުންތެރިން ހިމެނޭ ވައިކިންގްސް މި މުބާރާތުން ކަޓައިގެން ދިޔައީ ކުޅުނު އެއްވެސް މެޗަކުން މޮޅުނުވެ މިރޭގެ މެޗުން 6 ލަނޑު 2 ލަނޑުން ބަލިވެގެންނެވެ.މި މުބާރާތުގައި ވައިކިންގްސް އިން ކުޅުނު އެހެން މެޗުތަކުންވެސް ފެނިގެން ދިޔަ ފަދަ މޮޅު ކުޅުމެއް އެ ޓީމުން ފެނިގެން ގޮސްފައިވާއިރު މެޗުގެ ފުރަތަމަ ލަނޑުވެސް ޖެހީ އެ ޓީމުންނެވެ. މެދު ރޮނގާ ހަމައިން ފޮނުވާލި ބޯޅަ ގޯލަށް އަމާޒުކޮށް މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލީވާން(ލީޕަޓް)އެވެ. މެޗުގެ ފުރަތަމަ ހާފްގައި ރިއަލް އޭޓީގެ ދާނިޝް ޖެހި ގޯލާއެކު ފުރަތަމަ ހާފް ނިމިގެން ދިޔައީ އެއްވަރުވެގެންނެވެ.
މެޗުގެ ދެވަނަ ހާފްގެ ތިންވަނަ މިނިޓްގައި ލީޕަޓް ވައިކިންގްސްއަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދިނުމާއެކު ރިއަލް އޭޓީއިންވަނީ މެޗުގެ ކުޅުން ވަރުގަދަކޮށް ވަރަށް ކައިރިކައިރީގައި ހަމަލާތާއް ފޮނުވާފައެވެ. މި ގޮތުން މެޗުގެ ދެވަނަ ހާފްގައި ރިއަލް އޭޓީގެ ދާނިޝް އާއި މުހައްމަދު ސިޔާމް އެ ޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދިން އިރު ރަމީޒްވަނީ އެ ޓީމަށް އެއް ލަނޑު ކާމިޔާބުކޮށްދީފައެވެ.
މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން މޮޅުވެފައިނުވެ ވައިކިންގްސް ކަޓާފައިވާއިރު ދެން އެ ޓީމުން ގްރޫޕް ސްޓޭޖްގައި ކުޅޭ ފަހު މެޗުގައި ބައްދަލުކުރާނީ ގައުމު އެފްސީއާއެވެ. މި މުބާރާތުގައި މާދަމާ ރޭ ކުޅޭ މެޗުގައި ބައްދަލުކުރަނީ އޭޓީ އާއި ގައުމު އެފްސީއެވެ
މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރިއަލް އޭޓީއަށް ތިން ލަނޑު ކާމިޔާބުކޮށްދިން ދާނިޝްއެވެ.