English Edition
Dhivehi Edition

ރައީސް ޔާމީންގެ ސަރުކާރުން ވަނީ ސިއްޙީ ދާއިރާއަށް އިހުމާލުވެފައި ކަަމަށް ހެލްތް މިނިސްޓްރީން ނޫން ކަމަށް ބުނަމުންދާ ވާހަކަ ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަމީން މިއަދު މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް ފުރުސަތު ހުޅުވާލުމުން މަޖިލީހުގައި މެންބަރުން ކުރިމަތި ކުރުވި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީން ވަނީ ސިއްހީ ދާއިރާ އަށް ކުރީ ސަރުކާރުން އިހުމާލުވެފައިވާ ކަމަށް ވިދާޅުވެފައެވެ.

މިއަދު މިނިސްޓަރު އަމީން މަޖިލީހަށް ހާޒިރުކޮށްފައި ވަނީ ރ. މަޑުއްވަރީ އަދި މީދޫގެ ސިއްހީ މަރުކަޒުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާ މެދު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ކުރެއްވި ދެ ސުވާލަކަށް ޖަވާބު ދެއްވުމަށެވެ.

ހެލްތް މިނިސްޓަރު އަމީން ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު، ރާއްޖޭގެ ސިއްހީ ދާއިރާ އޮތީ ވަރަށް ބޮޑަށް ބަލިކަށިވެފައި ކަމަށާއި، ވޭތުވެދިޔަ ފަސް އަހަރު ދުވަހު ސިއްހީ ދާއިރާއަށް އަޅާނުލާ ދޫކޮށްލި ދޫކޮށްލުމަކީ، މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށެވެ. އަދި އެ މައްސަލަތައް ހައްލު ވާނީ ދުރު ވިސްނުމެއް އޮވެގެން ތަސައްވުރެއް އޮވެގެން ކަން މިނިސްޓަރު އަމީން ފާހަގަ ކުރެއްވިއެވެ.

ހުޅުމާލެ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް އަލީ ނިޔާޒު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ ހުޅުމާލޭ ހޮސްޕިޓަލް ހިންގަމުންދަނީ ކުރިއެކޭ ވެސް އެއްގޮތަށް އާސަންދަ ކުންފުނިން ކަމަށެވެ.

ނިޔާޒު މިފަދައިން ސުވާލު ކުރެއްވީ އާސަންދަ ކުންފުނީގެ ދަށުން ހިންގަމުން ދިޔަ ހުޅުމާލޭ ހޮސްޕިޓަލް ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާ ކަމަށް މިދިޔަ އަހަރުގެ ފަހުކޮޅު ހެލްތް މިނިސްޓްރީގެ އިސްވެރިޔަކު ބުނިކަމަށް ބައެއްް ނޫސްތަކުން ރިޕޯޓް ކޮށްފައިވާތީ އެކަން ސާފުކުރުމަށެވެ. ނަމަވެސް އޭގެ ފަހުން ހެލްތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހުޅުމާލޭ ހޮސްޕިޓަލް ހިންގަނީ އާސަންދަ ކުންފުނިން ކަމަށް ހެލްތު މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

“ހެލްތް މިނިސްޓްރީއަކީ ސިއްހީ ދާއިރާގެ ހުރިހާ ކަމެއްގެ ރެގިޔުލޭޓަރީ އޮތޯރިޓީއަށް ވުމުން ރެގިއުލޭޓްރީ އޮތޯރިޓީގެ ދައުރު ސިއްހީ ހުރިހާ ކަމެއްގައި ވެސް އޮންނާނެ. ހުޅުމާލެ ހޮސްޕިޓަލަށް ގެންނަންޖެހޭ ބަދަލުތަކާ މެދު މަޝްވަރާކުރެވެމުންދަނީ،” މިނިސްޓަރު ވިދާޅުވި އެވެ.

އާސަންދަ ކުންފުނީގެ ދަށަށް ހުޅުމާލެ ހޮސްޕިޓަލް އެންމެ ފުރަތަމަ ބަދަލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2016 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތިންވަނަ ދުވަހު އެވެ.