English Edition
Dhivehi Edition

މިނިވަންކަޕް 2019 ގައި މިރޭ ކުޅުނު މެޗު، އެންމެ ފަހުގެ ޗެމްޕިއަން ތައްލިހި އެފްސީ އިން ކާމިޔާބުކޮށްފިއެެވެ.

މިރޭ ހުޅުދޫ ފުޓްސެލް ދަނޑުގައި ކުޅުނު މި މުބާރާތުގެ ދެ ވަނަ މެޗުގައި ވިކިންގ އެފްސީ، އާއި ބައްދަލުކޮށް ތައްލިހިން މި މެޗު ކާމިޔާބުކުރީ 6 ލަނޑު 3 ލަނޑުންނެވެ. ދެ ޓީމުންވެސް ވަރުގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ އެގާރަވަނަ މިނިޓްގައި ތައްލިހިއަށް ކާމިޔާބުކޮށްދިނީ އިމްރާން(އިއްމެ)އެވެ. ދެ ޓީމުންވެސް މެޗުގެ ފުރަތަމަ ހާފްގައި ދާދި ހަމަހަމަ ކުޅުމެއް ދައްކާފައިވާއިރު މެޗުގެ ފަނަރަވަނަ މިނިޓްގައި ވިކިންގ އެފްސީ ގެ އައިހަމް ނަގައިދިން ބޯޅަ ގޯލަށް އަމާޒުކޮށް ފާތިހު(ފައްތެ)ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ.

މެޗުގެ ދެވަނަ ހާފްގައި ތައްލިހިން އެ ޓީމުގެ ކުޅުން ވަރުގަދަކޮށް ގިނަ ހަމަލާތަކެއްވަނީ އުފައްދާފައެެވެ. މި ގޮތުން މެޗުގެ ތޭވީސްވަނަ މިނިޓްގައި ރޮނާ ވަނީ ލަނޑެއްޖަހާފައެެވެ. މި ލަނޑާއެކު މެޗުގެ ފޯރި އިތުރަށް ގަދަވެގެންދިޔަ އިރު މެޗުގެ ސައްބީސްވަނަ މިނިޓްގައި މެދު ރޮނގާ ހަމައިން ލިރުއާމް(ލިރު)އަށް ލިބުނު ބޯޅަ ގޯލަށް އަމާޒުކޮށް އެ ޓީމުންވަނީ މެޗުގެ ލީޑް ފުޅާކޮށްފައެވެ.މެޗުގައި ތައްލިހިން ކާމިޔާބުކުރި ހަތަރުވަނަ ގޯލް ލިޔާހު ކާމިޔާބުކޮށްދިން އިރު ފަސްވަނަ ލަނޑަކީވެސް ލިރު މެދު ރޮނގާހަމައިން ފޮނުވާލި ބޯޅަ ގޯލަށް އަމާޒުވެ ކާމިޔާބުކުރެވުނު ގޯލެކެވެ. ލިރުގެ ގޯލާއެކު ވިކިންގ އެފްސީ އިން ގިނަ ހަމަލާތަކެއް އުފައްދާފައިވާއިރު އެ ޓީމުގެ ދެވަނަ ލަނޑަކީ އައިހަމް ޖަހައި ދިން ލަނޑެކެވެ. މި މެޗުގައި ތައްލިހިން ޖެހި ހަވަނަ ލަނޑު ރޮނާ ކާމިޔާބުކޮށްދިން އިރު ވިކިންގ އެފްސީ ގެ ތިންވަނަ ލަނޑު ކާމިޔާބުކޮށް ދިނީ އައްނިއެވެ.

މިިރޭގެ މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ތައްލިހި އެފްސީގެ ލިރުއާމް އެވެ.

މި މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ރިއަލް އޭޓީ އާއި ކެނެރީފް އެވެ. މާދަމާރޭ ކުޅޭ ފުރަތަމަ މެޗުގައި ޒެލޯން އާއި އެމްއެންޑީއެފް ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު މާދަމާރޭ ކުޅޭ ދެވަނަ މެޗުގައި ބައްދަުކުރާނީ ތައްލިހި އެފްސީ އާއި ގައުމު އެފްސީ އެވެ.

“ލެޓްސް ޑިވެލޮޕް އަވަރ ކޮމިއުނިޓީ ވިތްއައުޓް ޑްރަގްސް” މިޝިއާރުގެ ދަށުން މެރެތަން އިސްނެންގެވުމުގެ ދަށުން ހެލްޕިންގ ސޯޝަލް ކެއާގެ ފަރާތުން ކުރިއަށް ގެންދާ މިއަހަރުގެ މުބާރާތުގައި ޗެމްޕިއަން ޓީމަށް 40000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް ދިނުމަށް ހަމަޖައްސާފައިވަނީ 20000 ރުފިޔާއެވެ.

މި މަހު 2 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހަށް ކުރިއަށްދާ މި މުބާރާތުގެ މީޑިއާ ޕާޓްނަރ އަކީ އޭއޯ ނިއުސްއެވެ.