ރާއްޖެ އަނބުރާ ފޮނުވާލައިފިނަމަ ނުހައްގު އަދަބު ދޭނެކަމަށާއި ދިވެހި ފުލުހުންނާއި ހަވާލު ނުކުރުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ފަރާތުން އިންޑިއާ ސަރުކާރަށް މިއަދު އިލްތިމާސްކޮށްފި އެވެ.
އަދީބުގެ ބައިނަލްއަގުވާމީ ގާނޫނީ ވަކީލުންގެ ޓީމު “ގަރްނިކާ 37” ލޯ ފާމުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އދ.ގެ ކަމާބެހޭ އޮފީސްތައް މެދުވެރިކޮށް އިންޑިއާ ސަރުކާރުގެ ހިމާޔަތަށް އެދިފައިވާކަމަށެވެ.
އެ ޓީމުން މިއަދު ބުނެފައިވަނީ އަދީބު އިންޑިއާގެ ސިޔާސީ ހިމާޔަތަށް އެދިފައިވާ މި ދަނޑިވަޅުގައި، އިންޑިއާއިން އޭނާ އަނބުރާ ރާއްޖެ ފޮނުވާލުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ކަަމަށެވެ.
އެ ޓީމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ، ކުރީގެ ސަރުކާރުގެ ބައެއް ބޭފުޅުންނާ ދެކޮޅަށް ވާހަކަ ދެއްކެވުމަށް ޝަރުތުކޮށް، އެގްރިމެންޓެއްގައި ސޮއިކުރައްވާފައި ކަމަށެވެ. އަދި އެ އެގްރިމެންޓުގައި ސޮއިކުރައްވަންދެން އަދީބަށް ދޭންޖެހޭ ސިއްހީ ފަރުވާ ނުދީ ހިފެހެއްޓިކަމަށް ތުހުމަތުކުރިއެވެ.
“ރާއްޖެއަކީ އަދީބަށް ރައްކާތެރި ތަނެއް ނޫން. މީހެއްގެ ފުރާނައަށާއި މިނިވަންކަމަށް ނުރައްކާތެރި ތަނަކަށް އޭނާ ފޮނުވާލުމަކީ އޭނާގެ މިނިވަންކަމާއި ރައްކާތެރިކަމަށް އޮތް އިންސާނީ ހައްގަށް ނުރައްކަލެއް . އިންޑިއާއަކީ ނުރައްކާތެރިކަމުން ރައްކާތެރިކަން ހޯދަން ދާ އެކި ފަރުދުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ފަޚުރުވެރި ތާރީޚެއް އޮތް ގައުމެއް. މިވަގުތު އެކަން ހަނދާން ނައްތާލުމަކީ އިންޑިއާގެ ނަން ކިލަނބުވެދާނެ ފަދަ ކަމެއް” ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ރާއްޖޭން ފިލައިގެން ޓަގު ބޯޓެއްގައި އިންޑިއާއަށް އެތެރެވާން އުޅެނިކޮށް އިއްޔެ އިންޑިއާގެ ޓުޓިކޮރިން އިން އަދީބު ހިފަހައްޓާފައި ވީ ނަމަވެސް، އެކަމަށް އިންޑިއާ ސަރުކާރުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައިނުވެއެވެ.
އަދީބު އިންޑިއާއަށް ގޮސްފައި ވަނީ އޭނާގެ މައްޗަށް މީގެ ކުރިން ކުރި ޖަލު ހުކުމްތައް ކޯޓުތަކުން ބާތިލްކޮށް އޭނާ މިނިވަންވެފައި ވަނިކޮށެވެ. އެހެންނަމަވެސް، އޭނާގެ މައްޗަށް ޝަރީއަތް ކުރަމުންދާ މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުގެ އަމުރުގެ ދަށުން ޕާސްޕޯޓު ވަނީ ހިފަހައްޓާފަ އެވެ.