English Edition
Dhivehi Edition

ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، އޭނާ މިނިވަންކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ޓަގް ބޯޓެއްގައި ރާއްޖެއިން ފިލަން އުޅެނިކޮށް އަތުލައިގަތް އަދީބް ވަގުތުން މިނިވަންކުރުމަށް ކްރިމިނަލް ކޯޓުން އާދިއްތަ ދުވަހުގެ ރޭ އަމުރުކޮށްފައި މިވަނީ ފިލައިގެން އިންޑިއާއަށް ދިއުމުން އަނބުރާ ރާއްޖެ ގެނެސް އޭނާ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ.

އިންޑިއާ ފުލުހން އަދީބު އަތުލައި ގަތީ އިންޑިއާގެ ޓުތްކުރިން ބަނދަރުން މިދިޔަ ބުރާސްފަތި ދުވަހުއެވެ. އިންޑިއާގެ ހިމާޔަތައް އެދިފައިވަނިކޮށް ހިމާޔަތް ނުދީ މިދިޔަ ހޮނިހިރު ދުވަހުގެ ފަތިހު އަދީބު ވަނީ އަނބުރާ ރާއްޖެ ފޮނުވާލާފައެވެ. އެއާއެކު ފުލުހުން އަދީބު ހައްޔަރު ކުރުމަށްފަހު ރޭ 10:30 އެހާކަށް އިރު މާލެ ގެނައެވެ. އަދި އަދީބު ފިލި މައްސަލައާ ގުޅިގެން ފުލުހުން ރޭ ދަންވަރު 1:15 އެހާކަށްހާއިރު ބަންދަށް 15 ދުވަސް ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރިއެވެ.

ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރެއްގެ ދަށުން އަދީބްގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް އޭނާ ފިލަން މަސައްކަތް ކުރުމުން އަދީބްގެ ބަންދަށް 15 ދުވަސް ޖަހައިދިނުމަށް ފުލުހުން ވަނީ އެދިފަ އެވެ. އަދި ދައުލަތުގެ ފަރާތުން ޕީޖީ އޮފީހުން ވަނީ އަދީބަށް ކުރެވޭ ހިޔާނާތުގެ ތުހުމަތުތަކާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގުތަކަށް އެއްބާރުލުން ދިނުމަށް ޕްރޮސެކިއުޓާ ޖެނަރަލާ އެކު ވެފައިވާ އެއްބަސްވުމާ ޚިލާފަށް އަދީބް އަމަލުކުރައްވާފައިވާ ކަންވެސް ފާހަގަކޮށްފަ އެވެ.

މުއްދަތު މަޖިލީހުގައި އަދީބް މިނިވަންކުރުމަށް ގާޒީ އަމުރު ނެރުއްވީ ދިވެހި ފުލުހުން އަދީބް ހައްޔަރުކުރީ ރާއްޖޭގެ ކޯޓަކުން ނެރެފައިވާ ކޯޓު އަމުރެއްގެ ދަށުން ކަމަށްވީ ނަމަވެސް، ދިވެހި ދައުލަތުގެ ދަށުގައި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދަކުން ކަމަށް ނުވާތީއާއި، ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުން ބައިނަލްއަގުވާމީ ގާނޫނުތަކާއި މުއާހަދާތަކާ ހިލާފަށް އިޖުރައާތުތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް ކަނޑައެޅުމަށްފަހު އެވެ.

ގާޒީ މިގޮތަށް ނިންމެވީ އަދީބް ހައްޔަރުކުރީ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުން, އެހެން ގައުމެއްގެ އުޅަނދެއްގައި ހުންނަވަނިކޮށް ކަމަށް ދައުލަތުގެ ވަކީލާއާއި، ފުލުހުންވެސް މުއްދަތު މަޖިލީހުގައި އިއުތިރާފްވުމުންނެވެ. މުއްދަތު މަޖިލިސް ތިން ގަޑިއިރަށް ކުރިއަށް ގެންގޮސްފައިވެ އެވެ.

ފިލައިގެން އިންޑިއާއަށް ދިއުމަށް “ވާގޯ 9” ނަމަކަށް ކިޔާ ސިންގަޕޫރުގެ ޓަގު ބޯޓެއްގައި އަދީބް ރާއްޖެއިން ފުރީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ރިޕޯޓްތައް ބުނަމުންދާއިރު އޭނާ ފިލައިގެން ދިޔަ ކަން ފަޅާއެރީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ނަމަވެސް އިންޑިއާ ސިފައިން ވަނީ އަދީބް އެގައުމަށް ދަތުރުކުރި ޓަގު ބޯޓު، އިންޑިއާގެ ޓުޓިކޮރިންގެ ބަނދަރު ބޭރުގައި ބާއްވައިގެން އަދީބާ ސުވާލުކުރެއްވުމަށްފަހު އޭނާ އަނބުރާ ރާއްޖެއަށް ފޮނުވާލާފަ އެވެ. އެހެންކަމުން ދިވެހި ފުލުހުން އަދީބާ ހަވާލުވެ އޭނާ ރާއްޖެ ގެނައީ ވެސް އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އަދީބު ޓަގު ބޯޓުގައި ހުންނެވިކަން އެނގުނީ ޓަގުގެ އިންޑިއާ ފަޅުވެރިއަކަށް ހުރި މީހާ އެކަން އިންޑިއާގެ ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން މިދިޔަ ކަމަށްވެސް ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފަ އެވެ.